ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދީފިނަމަ ބޮޑެތި މައްސަލަތައް ކުރިމަތިވާނޭކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައި އޮތް އިސްލާހު ގެޒެޓްކުރުން ލަސްވުމާއި ގުޅިގެން މަޖިލީހުގެ ގަވާއިދު ކޮމިޓީން ކަމާގުޅުންހުރި ބޭފުޅުންނާއެކު އިއްޔެ ބެއްވި ބައްދަލުވުމުގައެވެ.

"ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު" އިސްލާހުކުރުމަށްފަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ފޮނުވާފައިވީނަމަވެސް، އެ ގަވާއިދު މިހާތަނަށް ގެޒެޓް ކޮށްފައެއް ނުވެއެވެ.

މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި 10 ބުރީގެ އިމާރާތްތައް ހަދަން ހުއްދަ ލިބޭގޮތަށް ތައްޔާރު ކޮށްފައިވާ ގަވާއިދު، ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވުމަށްފަހު، މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެ ހުއްދަ ދީފި ނަމަ ބޮޑެތި މައްސަލަތައް ކުރިމަތިވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހުޅުމާލޭގައި ހަ ބުރިއަށް ވުރެ އުސްކޮށް އިމާރާތް ކުރަން މިހާރު ހުއްދަ ދީފައި ވަނީ ހާއްސަ ސަރަހައްދުތަކަކުން ކަމަށްވާއިރު އެކަން ކޮށްފައި ވަނީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ. އަދި އާއްމުކޮށް އެންމެންނަށް އެ ހުއްދަ ދީފި ނަމަ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދިނުމަށާއި ވަކި ފްލޯއަކުން ފެށިގެން މަތީގެ ފްލޯތަކުގެ ބެލްކަނި މަގުމައްޗަށް ނެރޭ ގޮތަށް ޑިޒައިން ކުރުން ފަދަ ބައެއް ކަންތައްތަކާއި ދެކޮޅު ހަދަނީ ސަބަބުތަކެއް ހުރެގެންކަމަށެވެ. އެގޮތުން ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ އިންވެގެން އޮތުމަކީ އޭގެ އެއް ސަބަބުކަމަށާއި މުޅި ހުޅުމާލޭގައި އުސްކޮށް އިމާރާތްކުރަން ހުއްދަ ދީފި ނަމަ، އެއާޕޯޓް ބޭނުން ނުކުރެވިދާނެ ހާލަތަކަށް ދިއުން އެކަށީގެންވާކަމަށް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު