މާލޭގެ ބައެއް މިސްކިތްތަކާއި އާއްމު ބައެއް ތަންތަނަށް ތަކުރާރުކޮށް ކުޑަކަމުދިޔަ މީހާ އެއް މަހާއި 19 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިމައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ މ. ޝޭޑޯހީމް ހަސަން ޒިޔާދެވެ.

އޭނާ ވަނީ މިދިޔަ އޮކްޓޫބަރުމަހު އިސްލާމީ މަރުކަޒުގައި މީހުން ނަމާދުކުރަން ތިއްބާ އެ މިސްކިތަށް ވަދެ، މިސްކިތުގެ މިހްރާބްގެއާ ހަމައަށް ކުޑަކަމު ގޮސްފައެވެ. އަދި ހަމައެދުވަހު ޖުމްހޫރީ މައިދާނުގެ މެދުގައި ހުރެގެން އެތަނަށް ކުޑަކަމުދިޔައެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލުމުން، އަނެއްކާވެސް އެ އަމަލުތައް ތަކުރާރުކުރިއެވެ. އަދި އޭނާ މިސްކިތަކަށް ވަދެ، ޚަތިމަކަށް ކުޅުވެސް ޖަހާފައި ވެއެވެ.

މިމައްސަލަތަކުގައި އޭނާ ހައްޔަރުކުރުމަށްފަހު، މިސްކިތަށް ވަދެ ކުޑަކަމުދިޔަ މައްސަލައިގައި ޕީޖީން އޭނާގެ މައްޗަށް އުފުލީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ދެ ދައުވާއެކެވެ. އެ ދެ ދައުވާއަށް ވެސް އޭނާ އެއްބަސްވެ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދުނަސް، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ އަމަލަކީ ހުތުރުކަން ބޮޑު އަމަލަކަށް ވުމުގެ އިތުރުން އޭނާ އެ އަމަލު ހިިންގާފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ގަައުމިއްޔަތާ ގުޅުންހުރި ތަންތަނުގައި ކަމަށްވާތީ އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ނުކުރެވޭނެކަމަށް ވަނީ ނިންމާފައެވެ. އަދި އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބު އެއްކޮށްލުމުން، ޖުމްލަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އައިސްފައެވެ.

ޚަތިމަށް ކުޅު ޖެހި މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލިނަމަވެސް، އެ މައްސަލާގެ ހުުކުމާއި ހިސާބަށް އަދި ގޮސްފައެއްް ނުވެއެވެ.

އޭނާ ތަކުރާރުކޮށް މިކަން ކުރަމުންދާތީ ބައެއް މީހުން ވަނީ މިއީ އިސްލާމްދީނަށް ފުރަށްސާރަ ކުރާ ބަޔަކު ފަހަތުގައި ތިބެގެން އޭނާލައްވާ ކުރުވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު