ދައުލަތަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ޚަރަދުގައި ފުވައްމުލަކުގައި ބިނާކުރި މިސްކިތް ހުޅުވައިފިއެެވެ.

ފުވައްމުލަކުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި ފުނާޑު އަވަށުގައި ބިނާކޮށްފައިވާ މަސްޖިދުލް ސިއްދީގު ހުޅުއްވައިދެއްވީ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދެވެ. މިރަސްމިއްޔާތުގައި ނ.އ.އ.ވ އުމަރު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ އަސްރު ނަމާދަށް އެ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ވާހަކަ ދައްކަަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތް ބިނާކުރުމަކީ ވަރަށް މަތިވެރި ދަރުމައާއި ސަވާބު މާތް ﷲ މިންވަރު ކުރައްވާ ކަމެއް ކަމަށެވެ.



ޑރ. ޝަހީމް ވިދާޅުވީ މިސްކިތްތަކަކީ ބިންމަތީގައިވާ މާތްﷲގެ ގެކޮޅު ކަމަށާއި، އެތަންތަނަކީ އެކަލާނގެ ނޫރުފުޅު ޒިކުރު ކުރެވޭ ތަންތަން ކަމަށެވެ. އަދި މިސްކިތްތައް މަރާމާތުކުރުމާއި މިސްކިތް ބިނާކުރުމާއި މިސްކިތަށް ޚިދުމަތް ކުރުމުގެ ތައުފީގު މާތްﷲ ދެއްވަނީ ހިދާޔަތުގެ އަހުލުވެރިންނަށް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން ޑރ. ޝަހީމް ވަނީ މިސްކިތް ބިނާކުރުމުގެ މާތްކަމާއި މަތިވެރި ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"މާތް ﷲ އަށްޓަކައި އެކަލާނގެއަށް އަޅުކަން ކުރުމަށްޓަކައި މި ބިންމަތީގައި މިސްކިތެއް ބިނާކުރި މީހާއަށް ސުވަރުގޭގައި އެފަދަ ބިނާއެއް ގަނޑުވަރެއް ދެއްވައެވެ." މިސްކިތް ބިނާކުރުމުގެ މަތިވެރި ކަން ހާމަކޮށްދެއްވައި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅަކަށް އިޝާރަތް ކުރައްވަމުން ޑރ. ޝަހީމް ވިދާޅުވިއެވެ.

އުމަރު ޒާހިރަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ގައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ހައުސިން މިނިސްޓަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ. ޚާއްސަކޮށް ގައުމީ ތަރައްގީގެ މަސައްކަތްތައް ކުރެއްވުމުގައި އުމަރު ޒާހިރަކީ ފާހަަގަކޮށްލެވޭ ބޭފުޅެކެެވެ. ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫތަކަކީ އެމަނިކުފާނު މޭސްތިރިއަކަށް ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކެއް ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު