ދިވެހި ދަރިވަރުންނަށް ކިޔަވައިދޭ އިސްލާމް ފޮތުގައި ހުރި ބަސްތަކުގެ މާނަ ދަރިވަރުންނަށް ފަސޭހައިން ދެނެގަންނަން ނޭގޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެންމެ ފަސޭހައިން އެގޭނެ އާދައިގެ ބަހަކުން ބުނެވެން އޮތް އެއްޗެއް ދުވަހަކު އަޑުނާހާ ބަސްތަކެއް ބޭނުންކޮށްގެން ލިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ސޯޅަ އަހަރު ނުވާ ކުދިންނަށް ޔުނިވަރސިޓީގެ ލެވެލްގައި ކިޔަވާ މީހުން ބޭނުންކުރާ ބަސްތަކެއް ބޭނުންކޮށްގެން ކިޔަވައިދިނީމަ އެކުދިންގެ ސިކުނޑިއަށް ބުރަވާނީ." ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވަނީ އޯލެވެލްގެ އިސްލާމް ފޮތް ތައްޔާރުކޮށްފައި އޮތީ ދަރިވަރުންނަށް އިސްލާމް ދަސްކޮށްދޭންތޯ ނުވަތަ ރަދީފްގައި ހުރި ބޮޑެތި ދިވެހި ބަސް ދަސްކޮށްދޭންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. ކުދިންގެ އުމުރާ ނުގުޅޭ ނުބައްދަލު ބޮޑެތި ބަސްތައް ލައިގެން ކިޔޭ އެއްޗެއް ކުދިންނަށް ދޭހަ ނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ދެން ވާނުވާ ނޭނގި ތިބެ ހިތު ދަސް ކުރަނީ." އިސްލާމް ފޮތުގައި ހުރި ބައެއް ސަފްހާތަކުގެ ފޮޓޯތައް ހިއްސާކުރައްވަމުން ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒެއިނާ ވަނީ އެ ބަސްތަކުގެ މާނަ އެނގެނީ ކިތައް ބޭފުޅުންނަށްތޯ ވެސް އައްސަވާފައެވެ. ކުދިންގެ އުމުރާ ނުގުޅޭ އަދި މާނަ ނޭނގޭ ބޮޑެތި ބަސްތަކުގެ ގޮތުގައި ރޮޒެއިނާ ފާހަގަކުރެއްވި ބަސްތަކުގެ ތެރޭގައި ހިމެނެނީ އިސްތިބާތު، ތަންގީހު، އިސްތިގުރާރު، އިއްލަތްތައް، އަދި ތަތުބީގު އެވެ.

ރޮޒައިނާ ވަނީ އިސްލާމް ފޮތްތައް ތައްޔާރު ކުރާ ބޭފުޅުންނަށް އެގޭ ބަސްތައް ނުހިމަނައި ދަރިވަރުންނަށް ވިސްނޭގޮތަށް ފޮތްތައް ތައްޔާރު ކުރުމަށް އެދިވަޑައިގެންފައެވެ.

"ކޮންޓެންޓްވެސް މި ލެވެލްއާ ބަލާފަ މާގިނަ. ހުރިހާ އެއްޗެއް ކިޔަވާ ނުދެވޭ ޓެސްޓް އަންނައިރުވެސް." ރޮޒެއިނާ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


15

ޙުމާ

03-Dec-2021

ރޮޒޭ ދެން އެތަންތަނަށް ހިންދީ ބަސް ބަސް ލެވޭނެތަ