އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.

މިމަޝްރޫއުގެ މަސައްކަތް ފެށުމަށް ތަކަންދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް އަދި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ތަކަންދޫއަށް ފޮނުވައި، ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 46 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.



މިމަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބަހައްޓަން ވަނީ ނިއްމާފައެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މިގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ވެސް މިމަޝްރޫޢުގައި ހިމެނެއެވެ.

މިމަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ގާއިމްކުރުމާއި، 1.04 ކިލޯމީޓަރގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓްފޯލް ގާއިމްކުރަން ވަނީ ނިއްމާފައެެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު