ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) 29 ހައްޔަރުކޮށްގެން ގެންދަނީ
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) 29 ހައްޔަރުކޮށްގެން ގެންދަނީ
މިދިޔަ އޮކްޓޯބަރުމަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި އަނިޔާވެެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާތެރޭގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަން ގެނެސްފައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) 29 އެވެ.

މަހްމޫދުގެ މަރާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ޝިފާއު މިއަދު ވިދާޅުވީ މަހުމޫދު މަރާލި ކަމަށް ތަހުގީގުގައި އެއްބަސްވެ ސާލިމް ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި މަރާލި ކަމަށް ބެލެވޭ ސަބަބަކީ ނުވަތަ މޯޓިވަކީ ފައިސާ ހޯދުންކަމަށާއި، މަހުމޫދު އަތުން ފައިސާ ހޯދުމަށް ސާލިމް ބޭނުންވި ސަބަބުތައް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މިކަން ހިނގި ރޭ ސާލިމް ދިރިއުޅޭ ގެއަށް މަހްމޫދު ދާން ދައުވަތު ދިން ސަބަބު ވެސް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ސަލީމްގެ މައްޗަށް ދައުވާ ކުރުމަށް އަންނަ ހަފުތާ ތެރޭ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފުލުހުން ބުނީ ސާލިމަކީ އެހެން ބައެއް ކުށްތަކުގައި ބައިވެރިވެފައިވާ ވެސް މީހެއްކަމަށެވެ. އޭގެތެތޭގައި ވައްކަމުގެ މައްސަލަތައްވެސް ހިމެނެއެވެ.

އުމުރުން 57 އަހަރުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް އަނިޔާވެރިގޮތަކަށް މަރާލައި ގޯންޏަކަށް ލައި ފެންވަޅަކަށް ވައްޓާލާފައި އޮއްވައެެވެ. ފުލުހުން ބުނެފައި ވަނީ ސާލިމްގެ އިތުރުން މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު