އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލައަކާއި ގުޅިގެން ދިވެއްސަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، ސީބީއައިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައި ވަނީ އަލީ ރަޝީދު ކިޔާ އުމުރުން 31 އަހަރުގެ ދިވެއްސަކު ހޯދުމަށެވެ. އޭނާއަށް އަޒްލީފް މުހައްމަދު ކިޔާ ކަމަށްވެސް އިންޓަޕޯލް ނޯޓިސްގައި ލިޔެފައިވެއެވެ.

އޭނާ ހޯދަމުންދަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެން އިންޑިއާގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންކަމަށް ނޯޓިސްގައިވެއެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ އިންޑިއާގައި ކެނަބިސް އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ގަތުމާއި ޓްރެފިކް ކުރުމާއި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އިމްޕޯޓު ކުރުމާއި އެކްސްޕޯޓު ކުރުމާއި ބޭނުން ކުރުމުގެ ކުށެވެ.

އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ ޑްރަގް މައްސަލައަކާއި ގުޅިގެން ދިވެއްސަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފައިވިނަމަވެސް ރާއްޖޭގެ ކަމާއިބެހޭ އިދާރާއަކުން މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު