އެމް.ޑަބްލިޔު.އެސް.ސީއިން ކުރިއަށް ގެންދާ ހއ. މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ފެށުން އިފްތިތާޙުކޮށް ދެއްވާފައިވަނީ، މުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އާއި، ކެލާ ދާއިރާގެ މެންބަރުއިބްރާހިމް ޝަރީފާއި, ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް އަދި މުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ސިނާންއެވެ. މި ރަސްމިއްޔާތުގައި ފެން ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މުރައިދޫއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ފެންކުންފުނިން ބުނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ބިނާކުރާ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 44 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ވާކަމަށް ވެސް ކުންފުނިން ބުނެފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން މުރައިދޫގައި 9.1 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާނގި ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ރަށުގެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުރައިދޫގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެންކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. 46.85 މިލިއަން ދިވެހި ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް ފެންކުންފުނިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު