މުނިފޫހިފިލުވުމުގެ ދާއިރާއިން ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ވޯލްޓް ޑިޒްނީގެ 98 އަހަރުވީ ތާރީހުގައި އެ ކުންފުނީގެ ޗެއަރގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފިއެވެ.

ފިލްމު ކުންފުންޏެއްގެ ގޮތުގައި ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ޑިޒްނީގެ ޗެއާމަންގެ މަގާމަށް ހަމަޖައްސާފައިވަނީ ކުންފުނީގެ ބޯޑް މެމްބަރެއްގެ ގޮތުގައި 14 އަހަރު މަސައްކަތް ކުރި ސޫޒަން އާނޯލްޑެވެ.

މިކަމާ ގުޅިގެން ސޫޒަން ވިދާޅުވީ މި މަގާމާ އެކު ކުންފުނީގެ ބޯޑް މެމްބަރުންނާއި ހިއްސާދާރުން ބޭނުންވާ ގޮތަށް އޭނާގެ ދައުރުގައި ވެސް މަސައްކަތްތައް ކުރައްވާނެ ކަމަށާއި، ފާއިތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ލިބުނު ތަޖުރިބާގެ ބޭނުން ހިއްޕަވާނެ ކަމަށެވެ. އަދި ޑިޒްނީގެ ޗެއާމަންގެ މަގާމު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ސޫޒަން ވިދާޅުވިއެވެ.

މީގެކުރިން ސޫޒަނަކީ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ކާލައިލްގެ އެކްޒެކެޓިވެއްގެ މަގާމުވެސް އަށް އަހަރު ވަންދެން އަދާކުރެއްވި ބޭފުޅެކެވެ. އަދި ޕްރޮކްޓާ އެންޑް ގޭމްބްލްއާއި މެކްޑޮނަލްޑްސްގެ އިސް މަގާމުތަކެއް ވެސް އަދާކުރެއްވި ބޭއްފުޅެއްވެސް މެއެވެ.

98 އަހަރުގެ ތާރީހެއް އޮތް ޑިޒްނީގެ ޗެއާމަންގެ މަގާމަށް އަލަށް އަންހެނަކު ހަމަޖެއްސި އިރު، ކުންފުނީގެ މަގާމުތަކުގެ އޮނިގަނޑަށް މި ފަހުން ބަދަލުތަކެއް ގެންނަން ފަށާފައިވާކަން ވެސް ރިޕޯޓްތަކުން ބުނެއެވެ.

ޑިޒްނީގެ އަގު 93.011 ބިލިއަން ޑޮލަރަށް އަރާއިރު، އެ ކުންފުނީގެ ދަށުން ހިންގާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި މާވެލް، ޕިކްޒާ، ލޫކަސް ފިލްމްސް އަދި ޓުވެންޓިއެތު ސެންޗަރީ ފޮކްސް ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން