(ފޮޓޯ: މިހާރު)
(ފޮޓޯ: މިހާރު)
މިދިޔަ އޮކްޓޯބަރު މަހު ޖެންޑަރ މިނިސްޓްރީއަށް 222 މައްސަލައެއް ހުށައަޅާފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ އޮކްޓޫބަރ މަހު އެމިނިސްޓްރީއަށް ވަނީ ޖުމްލަ 222 މައްސަލައެއް ރިޕޯޓުކޮށްފައެވެ. މީގެތެރެއިން 95 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، އަންހެން ކުދިންނާއި ގުޅުންހުރި 54 މައްސަލައަކާއި ފިރެހެން ކުދިންނާއި ގުޅުންހުރި 41 މައްސަލައެއް ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.

ޖިންސީ އަނިޔާގެ އިތުރުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދެވޭ އަނިޔާގެ މައްސަލަތައްވެސް ވަނީ އެ މިނިސްޓްރީއަށް އޮކްޓޫބަރު މަހު ހުށަހަޅާފައެވެ.

މިއާއެކު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ 22 މައްސަލައަކާއި ގެވެށި އަނިޔާގެ 16 މައްސަލައެއް މިނިސްޓްރީއަށް އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ހުށަހަޅާފަވެއެވެ.

އަދި، ކުޑަކުދިންނަށް އިހުމާލުވި 20 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ދެއްކި 16 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކަ ކޮށްގެން 10 މައްސަލައެއް ހުށަހަޅައި ބަލަންފަށާފައިވެއެވެ.

މީގެއިތުރުން، ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 7 މައްސަލައެއް އެ މިނިސްޓްރީއަށް އެމަހު ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންނަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތަކުން އެ ކުދިން މަހުރޫމުކުރުވުމާއި، ވެކްސިން ޖެހުމަށް އިންކާރުކުރާ މައްސަލައަކާއި ސްކޫލަށް ކުއްޖާ ފޮނުވަން އިންކާރު ކުރުމާބެހޭ ދެ މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައިވެއެވެ.

ޖުމްލަ 222 މައްސަލައެއް އޮކްޓޯބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މިފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ޖެންޑަރއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު