ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓެއް ގޮތުގައި ކަނޑައަޅާފައިވާ އޮމިކްރޯން ވޭރިއަންޓު، ދިވެހި ރާއްޖޭގެ އަވަށްޓެރި ދެގައުމުކަމަށްވާ އިންޑިއާ އަދި ސްރީލަންކާއިން ފެނިއްޖެއެވެ.

އިންޑިއާ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑުގެ އާ ވޭރިއެއްނެޓު، އޮމިކްރޯން އެގައުމުން ފެނިފައިވާކަން ރިޕޯޓުކޮށްފައެވެ. އޮމިކްރޯން ވޭރިއަންޓް ފެނިފައިވަނީ އިންޑިއާއަށް ބޭރުގައުމަކުން އައި ދެ މީހެއްގެ ފަރާތުންނެވެ. މިއާއެކު މިދެމީހުންނާއެކު ދަތުރުކުރި މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިން ހަދައި އެއެންމެން ކަރަންޓީނުކޮށް އެކަހެރިކޮށްފައިވާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އޮމިކްރޯން ވޭރިއަންޓް ސްރީލަންކާއިން ފެނިފައިވާކަން އެގައުމުގެ ސަރުކާރުން ރިޕޯޓުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އޮމިކްރޯން ވޭރިއަންޓް ރިޕޯޓުކޮށްފައިވަނީ ނައިޖީރިއާއިން ސްރީލަންކާއަށް ދަތުރުކޮށްފައިވާ މީހެއްގެ ފަރާތުންނެވެ.

މިކަން ޔަގީންކޮށްދެއްވަމުން ސްްރީލަންކާގެ ޕަބްލިކް ހެލްތު ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް ވަނީ މިކަމުގެ ސަބަބުން ހާސްވެ ކަންބޮޑު ނުވުމަށް ސްރީލަންކާގެ ރައްޔިތުންނަށް އިލްތިމާސްކުރަށްވާފައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އެފްރީކާއިން ފުރަތަމަ ރިޕޯޓުކުރި އޮމިކްރޯން ވޭރިއަންޓަކީ ކޮރޯނާވައިރަހުގެ ނުރައްކާތެރި ވޭރިއަންޓެއްގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މިއާއެކު ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއިއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެެވެ.

އިންޑިއާއިންވެސްވަނީ އޮމިކްރޯން ވޭރިއަންޓާއެކު ބައެއްގައުމުތަކުން އެގައުމަށް ދަތުރުކުރާ މީހުންނަށް ހަރުކަށި ގަވާއިދުތަކެއް އެކުލަވާލާފައެވެ. މީގެއިތުރުން އެގައުމަށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި ރޭންޑަމްކޮށް މިވޭރިއަންޓަށް ޓެސްޓުކުރުންވެސް ދަނީ ކުރިއަށެވެ.

ސްރީލަންކާއިންވެސް ވަނީ އޮމިކްރޯން ވޭރިއަންޓާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މީގެއިތުރުން، ދެކުނު އެފްރިކާ، ނަމީބިއާ، ޒިމްބާބްވޭ، ބޮޓްސްވާނާ، ލެސޯތޯ، އެސްވަޓީނީ އިން ސްރީލަންކާއަށް ދަތުރުކުރުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު