ސަރަހައްދީ މައްސަލަތަކުގެ ތެރޭގައި ހާރިޖީ ސިޔާސަތު ވަނީ ރަހީނުވެފައިކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ ދުވަހަކުވެސް އެމަނިކުފާނު ދެކިވަޑައި ނުގަންނަވާހާ ދަށު ދަރަޖައިގައި ކަމަށެވެ. އަދި ގައުމުގައި މިސްރާބެއް ނެތްކަމަށާއި މިސްރާބަށް ގެންދާނެ ހިތްވަރެއްވެސް ސަރުކާރުގައި ނެތްކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ އިންޑިއާ ކަނޑުގެ ޖިއޯ ޕޮލިޓިކްސް ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ރަހީނުވެގެންދާތަން ބަލަން ކެތް ނުކުރެއްވޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އެކުވެރި ދައުލަތެއް ކަމަށާއި، ހުރިހާ ގައުމަކާއިވެސް ގުޅުން ބަދަހިކުރަން ޖެހޭކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުމަށް ދިވެހިން ތާއީދުނުކުރާނެ ކަމަށެވެ.

ޑރ. ވަހީދުގެ ވާހަކަފުޅުގައި ޕީޕީއެމުން ރާއްޖޭގެ ވެރިކަމާއި ހަވާލުވާންވެއްޖެކަމަށް ވިދާޅުވިއެވެ. އަދި އެހެން ނޫނީ ރާއްޖެއަށް ފާގަތި ދުވަސްތަކެއް ނުލިބޭނެކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު