ރާއްޖޭގައި އިންޑިޔާ ސިފައިންނަށް ޖާގަ އެއް ނެތް ކަމަށާއި، އިންޑިޔާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމިން މިރޭ ވިދާޅުވެއްޖެއެެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމީން ވިދާޅުވީ ދިވެހިރާއްޖެ އަކީ އިންޑިއާގެ އަވަށެއް ކަމަށް އިންޑިއާއިން ހީކޮށްގެން ނުވާނެ ކަމަށެވެ.  ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އިންޑިޔާ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެނީ ގާނޫނާއި ޚިލާފަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެނީ މި ސަރުކާރުގެ ޚިޔާނަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އިންޑިޔާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން، އިންޑިޔާ އަސްކަރިއްޔާ އަކަށް ރާއްޖެއަކު ޖާގައެއްނެތް މިހާރު ރަސްމީކޮށް މި ދަންނަވަނީ ކުރީގެ ރައީސް ކަން ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުންނާއި ޕީޕީއެމް ޕީއެންސީ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ އެތައް ހާސް ރައްޔިތުން ތަމްސީލްކުރާ ލީޑަރުގެ ހައިސިއްޔަތު މިދަންނަވަނީ އަޅުގަނޑުމެން ބޭނުމެއްނޫން އިންޑިޔާ މިލިޓަރީގެ އެންމެ ބޫޓް ޖޯޑެއް ވެސް ދިވެހި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ." ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ވަރަށް ފޯރިއާއި ޖޯޝާއެކު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ސަރުކާރުގައި އިންޑިޔާގެ ހެލިކޮޕްޓަރުތަށް ރާއްޖެއިން ފޮނުވާލަން އުޅުނު ނަމަ ރާއްޖޭގައި އެ ހެލިކޮޕްޓަރުތަށް ނުހުންނާނެ ކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބުދު ﷲ ޝަމާލު ދެއްކެވި ވާހަކަތަކަށް ވެސް ރައީސް ޔާމިން ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިޔާގެ ހެލިކޮޕްޓަރުތައް ބޭރުކުރުމަށް ކުރި މަސައްކަތް ޚާރިޖިއްޔާއާއި ޑިފެންސް މިނިސްޓްރީގައި ފެންނަން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންނަށް ވިސާ ދީފައިނުވާނެ ކަމަށް ޔާމިން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ޝަމާލަށް ދަންނަވާލަން އަޅުގަނޑުމެން އެންމެން ބޭނުމޭ މިތަނުން އިންޑިޔާ ސިފައިން ފައިބަން. އެތިބީ އެގްރިމެންޓްކޮށްގެން ނޫން، ގާނޫނާއި ޚިލާފަށް." ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ އިންޑިޔާގެ އެގްރިމެންޓް ތަކަށް, އިންޑިޔާގެ ސިފައިންނަށް, ރާއްޖޭގެ ގާނޫނީ ބާރު ހިނގާނެ ކަމަށް ދައްކާ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"މީ ކޮންކަހަލަ ވާހަކަ އެއްތޯ ކިހާ ދުވަހެއް ވަންދެން ރައްޔިތުން ގުނބޯ ހައްދައިގެން ގެންގުޅެވޭނެ ކަމަށްތޯ މި އުޅެނީ އެކަމެއް ނުވާނެ. އެކަން ވައްޏާ މަގު ބަންދުކުރާކަށް މުއިއްޒަކަށް ނާންގާނެ. އެކަން ވައްޏާ އެމީހުންނާއި ގުޅޭގޮތުން އެކިކަހަލަ ވާހަކަ ލިޔާ ޖާނަލިސްޓުން ބަންދުކުރާކަން ނާންގާނެ. އަޅުގަނޑު ސަރުކާރެއްގައި ޚާރިޖީ ވަޒީރަކަށް ލާހިކެއް ނޫން ބޭރުގެ ސަރުކާރަކަށް އެކަހަލަ ސިޓީ ފޮނުވާކަށް." ރައީސް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު