ކޮވިޑުގެ ދަތިހާލުގައި ވެސް ރަށްރަށުގައި ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސަައްކަތް ސަރުކާރުން ގުރުބާން ނުކުރާ ކަމަށް އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ށ. ފީވަކު ނަރުދަމާ ނިޒާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށާއި، ކޮވިޑުގެ އެންމެ ދަތި އުދަނގޫ ހާލަތުގައިވެސް އެމަސަައްކަތް ސަރުކާރުން ގުރުބާން ކޮށްފައިނުވާ ކަމަށެވެ.

"ކޮވިޑު-19 އާއި ގުޅިގެން އިގްތިސާދީ ހީނަރުކަމުގައި މިދަތި ހާލުގައި މިކަހަލަ މިންވަރެއް ސަރުކާރުން ހޭދަކުރުމަކީ ސަރުކާރުން ރައްޔިތުންނަށް އަޅާލާ މިންވަރު ދޭހަކޮށްދޭ އަލިގަދަ ދަލީލެއް. ޚަރަދުކުޑަ ކުރަން އެކިކަހަލަ ފިޔަވަޅުތަށް އެޅުއްވިއިރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އަސާސީ ހައްގުތަށް ކަމަށްވާ ފެނާ ނަރުދަމާ ނިޒާމް މަސައްކަތް އެއްެވެސް މިންވަރަކަށް ރައީސް ސާާލިޙު ގުރުބާން ކުރެއްވިި ތަނެއް. އަޅުގަނޑުމެންނަށް ފެނުނީ މި މަސައްްކަތް ބާރަށް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެއްވި ތަން. މި މަސައްކަތް ކުރިއަށް ގެންދާގޮތް ބެލުމަށް ރައީސް އޮފީހުގައި ވެސް ފެކްޓް ފައިންޑް މިޝަން އެކުލަވާލައި ކައުންސިލުތަކާއި ގުޅައި ލަސްވާ ސަބަބު އޮޅުންފިލުވައި އެއަށް ހައްލު ހޯދުމަށް މަސައްކަތް ކުރި ތަން." ޝާހް ވިދާޅުވިއެވެ.



މީގެ އިތުރުން ޝާހް ވިދާޅުވީ ފީވަކު ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކަނޑައާޅާފައިވާ ތާރިޚަށް ނިއްމާލެވޭނެ ކަމަށެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށާއި، މީގެ އިތުރުން، އިޖްތިމާޢީ އަދި އިޤްތިސާދީ ގޮތުންވެސް ރަށުގެ ރައްޔިތުންނަށް މަންފާ ލިބިގެންދާނެ ކަމަށް ޝާހް ވިދާޅުވިއެވެ.

އޭގެ އިތުރުން މި މަޝްރޫއުގައި ބޭނުންކުރާ ތަކެއްޗާއި މަސައްކަތުގެ ކޮލެޓީ ދެމެހެއްޓުމަކީ އެމް.ޑަބްލިއު.އެސް.ސީން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ޝާހް ވިދާޅުވިއެވެ.

ށ. ފީވަކުގެ ފެނުގެ ނިޒާމްގެ މަޝްރޫޢުގައި ސޮއި ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. 450 ދުވަސް ތެރޭގައި ނިންމާގޮތަށް މި މަޝްރޫޢު އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ 49.60 މިލިއަން ރުފިޔާ އަށެވެ.

ފީވަކުގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެންއާރ.އޯ ފެސިލިޓީ ބިލްޑިން އެޅުމާއި 9.18 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 200 ގޭބީސީތަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި 2 އާރ.އޯ ޕްލާންޓް ޤާއިމްކުރުމާއި ފެން ރައްކާކުރުމަށް 330 ކިއުބިކް މީޓަރުގެ 2 ޓޭންކް ބެހެއްޓުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އަދި ވާރޭފެން ރައްކާކުރުމަށް 1،340 ކިއުބިކް މީޓަރުގެ ޓޭންކެއް ބެހެއްޓުމާއި ރެއިންވޯޓަރ ހާވެސްޓިންގ ސިސްޓަމްއެއް ޤާއިމްކުރުމާއި 2 ބޯހޯލް ތޮރުފުމާއި 1 ބްރައިން އައުޓްފޯލް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން