ތެރަޕިއުޓިކް ފަރުވާއަށް މި ސަރުކާރުން މިހާތަނަށް 18.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމަށާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ ރިވެލި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށް ދަތި އުނދަގޫ ތަޖުރިބާތަކެއްވެސް އަޅުގަނޑުމެން ކުރަންޖެހުނުކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ އާއިލާތައް ކުރިމަތިލާން ޖެހުނު ގޮންޖެހުންތައް މާގިނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ވެސް ވަރަށް ވަރަށް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފައި.މިކަންކަމަށް ރިއާޔަތްކޮށް، ސަރުކާރުން ޚާއްސަ އެކްޝަން ޕްލޭނެއް އެކުލަވާލައި، މިދަތިތަކުން އަރައިގަތުމުގައި އެހީތެރިވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ. ކޯވިޑްގެ ސަބަބުން އެކި ދާއިރާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރި އިރު، ވަޒީފާގެ ބާޒާރަށް ކުރިމަތިވި ލޮޅުންތައް ވަރަށް ބޮޑުކަން ފާހަގަކުރެވުނު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަމަށާއި ކޮންމެ މީހަކީވެސް، އެހެން މީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ މީހެއްކަމަށެވެ. އަދި މުޖްތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއުޅެނީ ވެސް، އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުންދީގެންކަމަށާއި އެހެންކަމަށް ވަންޏާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ މާބޮޑަށް އިސްކަންދޭންޖެހޭ ކަމެއްކަމަަށެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ފަރާތުން ޚިދުމަތް ދިނުމުގައި ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންކަމަށެވެ. އަދި އެފަދަ އެއް ކަމަކީ 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެ ޕްރޮގްރާމުގެ ސަބަބުން، ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވަނީ ހުއްޓުމަކަށް ގެނެވިފައި. މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވުނު. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާނެކަމަށެވެ. އެހެން ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަކަމަށާއި އެއްވެސް މިންވަރެއް އުނިނުކޮށް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަންކަމަށެވެ. އަދި އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާ ސަރުކާރުން ހޯދައި، ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލަފައިކަމަށް ރައީސް ވިދާޅުވިއެވެ.



ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭކަމަށެވެ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގްރާމްތައް ބައްޓަންކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު