ދިރިއުޅުމުގެ ތަފާތު ދާއިރާތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުން ހަރަކާތްތެރިވެ ބަސްބުނާ މިންވަރު މިހާރު ވަނީ އިތުރުވެފައި ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިނިސްޓަރ ދެއްވި މި މެސެޖްގައި އިތުރަށް ވިދާޅުވީ ގައުމީ އަދި ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ގައުމު ތަމްސީލު ކުރަމުންދާތަން މިވަނީ ފެންނަން ފަށާފައި ކަމަށެވެ.

އެގޮތުން ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ގިނަ ފުރުސަތުތަކެއް ހުޅުވާލުމަށާއި، އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައްޔާއި، ޖަމްޢިއްޔާތަކުގެ ފެންވަރުގައްޔާއި، ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމައުގައި ދެވޭ ސަމާލުކަން މިއަދު އިތުރުވެފައިވީ ނަމަވެސް އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި އެފަރާތްތަކަށް މުޖުތަމައުގައި ޝާމިލްވެ އުޅުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ. އެހެންކަމުން މިހާރަށް ވުރެ ބޮޑަށް މިކަންކަމަށް ސަމާލުކަންދީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަންޖެހިފައިވާކަމީ އެއްވެސް ޝައްކެތް ނެތް ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތަށް މިހާރު ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފައިވާކަމީ މި މުޖުތަމައުގެ އެންމެން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ތަކެއް ލިބެމުންދާ ކަމުގެ ނިޝާނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު