ރަށްރަށަށް ފޮނުވުމަށް ގެނެސްފައިވާ އެމްބިއުލާންސް
ރަށްރަށަށް ފޮނުވުމަށް ގެނެސްފައިވާ އެމްބިއުލާންސް
ރާއްޖޭގެ 20 ރަށަކަށް ބަލިމީހުން އުފުލުމަށް ބޭނުންވާ އެމްބިއުލާންސް މިއަދު ފޮނުވަން ފަށައިފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި 20 އެމްބިއުލާންސް މިފަހަރު ފޮނުވާ ރަށްތަކަކީ، ހދ. ކުމުންދޫ, ށ. ބިލެތްފަހި, ށ. ނަރުދޫ, ނ. ފޮއްދޫ, ނ. ކުޑަފަރި, ބ. ކެންދޫ, އއ. މަތިވެރި, އދ. މަންދޫ, އދ. ފެންފުށި, ފ. ފީއަލި, މ. ކޮޅުފުށި, ތ. ވަންދޫ, ތ. ބުރުނި, ތ. ދިޔަމިގިލި, ލ. ކުނަހަންދޫ, ގއ. ކޮލަމާފުށި, ގއ. ނިލަންދޫ, ގދ. ރަތަފަންދޫ, އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރެވެ.

މިއަހަރު ނިމެންވާއިރަށް 60 އެމްބިއުލާންސް ސިއްހީ ޚިދުމަތަށް ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯ.އާ ވަނީ ހަވާލުކޮށްފައެވެ. އެސް.ޓީ.އޯއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ޙަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ.

އެ އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނައީ އޮކްޓޫބަރުމަހުގެ 07 ވަނަ ދުވަހުގައެވެ. ހެލްތު މިނިސްޓްރީން ވަނީ އެ އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވައިފައެވެ.

މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން