ރޭވިލޭރޭ
ރޭވިލޭރޭ
11 ވަނަ އެޕިސޯޑް

==========

ޙުސްނީއާއި އެހެން މީހަކު ޑަބިޔާބުރިއަކަށް އަލިފާން އަޅައިގެން އައިސް ވަދެއްޖެއެވެ. އެއަށްފަހު، ޙުސެންފުޅުބެ އެންމެންނަށް ކިޔެވެއްޔަށް ތައްޔާރުވުމަށް އެންގިއެވެ.

[އެއްވެސް މީހަކު ބިރުގަނެ ޖެހިލުންވެގެން ނުވާނެ. އަހަރެން ބޭނުންވަނީ، އޭތީގެ ކިބައިން މިރަށާއި އިންސާނީ ދަރިފަސްކޮޅު ސަލާމަތް ކުރަން....] ދުޢާއަކަށްފަހު ކިޔަވަން ފަށަމުން ޙުސެންފުޅުބެ ބުންޏެވެ.

ކިޔެވެލި ކިޔަވަން ފެށިތަނާހެން، ޒައިހާގެ ބަނޑު ކުޑަކޮށް އުފުލެން ފެށިހެން ހީވިއެވެ. އޭރު ޙުސްނީއާއި މަނިކު، ޒައިހާގެ ގައިގައި ހިފަހައްޓައިގެން ތިއްބެވެ. އޭރުވެސް އެމީހުން ފޮޅުވާލާފައި ދާންވެގެން ޒައިހާ ތެޅިފޮޅެމުން ދަނީއެވެ. ހީވަނީ އޭނާއަށް އިތުރު ބާރެއްވެސް ލިބިފައިވާހެންނެވެ. ޙަޤީޤަތަކީ އެއީއެވެ. އޭނާގެ ހަށިގަނޑުގައި މިހާރު ބީކާލުގެ ބާރެއްވެސްވެއެވެ. އެގޮތަށް ޒައިހާ ތެޅިފޮޅޭތާ ގިނައިރުތަކެއް ނުވެއެވެ. ޙުސެންފުޅުބެ ކުރި ކުޑަކުޑަ ކަމަކުން ޒައިހާ މައިތިރިވެއްޖެއެވެ. ދެން ޙުސެންފުޅުބެ ޒައިހާ މެދުވެރިކޮށް ބީކާލް ޖިންނިއާ ސުވާލު ކުރަން ފެށިއެވެ. ހިސާބަކަށް ހިމޭން ރާގުގައެވެ.

[ކާކުތީ؟ ހަމަ މިހާރު ބުނޭ.] ހޭނެތިފައި އޮތް ޒައިހާއާ ޙުސެންފުޅުބެ ސުވާލު ކުރިއެވެ. އޭރުވެސް ކިޔަވާ މީހުން ކިޔެވެލި ހުއްޓައެއްނުލައެވެ.

[ކަލޭ ތީ ކާކު އަހަންނާ ސުވާލުކުރަން؟] ޒައިހާ މެދުވެރިކޮށް، ބީކާލް ޖިންނިވެސް ކުރީ ސުވާލެކެވެ. ރުޅިވެރި ރާގެއްގައެވެ.

[މައްސަލައެއްނެތް. އަހަރެން ޖަވާބުވެސް ދީފާނަން. އަހަންނަކީ ޙުސެންފުޅު. ދެން އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދީ....ތިޔައީ ކާކު؟ ކީއްވެތަ ޒައިހާއާ އަޅައިގަނެގެން ތިއުޅެނީ؟] ޙުސެންފުޅުބެ މިފަހަރުވެސް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި ކެތްތެރިކަމާ އެކުގައެވެ.

[އަހަންނަކީ ބީކާލް.....އަހަރެން ޒައިހާއާ އަޅައިގަނެގެން އުޅުނަކަސް ކަލެޔަކާ ނުބެހެވޭނެ....ޒައިހާއަކީ އަހަރެންގެ އަނބިމީހާ....އޭނާގެ ދިރިއުޅުން ބައްޓަން ކުރުމުގެ ހުރިހާ ޙައްޤެއްވެސް އަހަންނަށް ލިބިފައިވޭ....] ބީކާލްގެ ޖަވާބު ލިބުނެވެ.

[ކަލޭ ތިގޮތަށް ހަރުކަށިކޮށް ވާހަކަ ދައްކާއިރު، ކަލެއަށް ވިސްނޭތަ، ކަލޭ ތިހުރީ ސީދާ އަހަރެންގެ ފުރިހަމަ ބާރުގެ ދަށުގައިކަން. އަހަރެން ބޭނުމިއްޔާ، ހަމަ މިހާރުވެސް ކަލޭގެ ދުވަސް ދުއްވާލެވިދާނެ....] ޙުސެންފުޅުބޭގެ ރާގުވެސް ރުޅިއަށް ބަދަލުވިއެވެ.

[ބިރެއްނުގަނޭ، ޒައިހާގެ ލޯބީގެ ޙައްޤުގައި ކޮންމެފަދަ ޤުރްބާނީއެއްވެސް އަހަރެން ވެދާނަން....މިވަގުތު ކަލޭ އަހަރެންގެ ދުވަސް ދުއްވާލިޔަސް ފަރުވާލެއްނެތް....] ބީކާލް ގޮތެއް ދުލެއްނުކުރިއެވެ.

[ކަލޭ ވިސްނަންވާވަރަށް ވިސްނާފަތަ ތިހެން ތިބުނަނީ....ނޫނީ އިތުރަށް ކަލޭގެ މައިންބަފައިންނާ މަޝްވަރާ ކުރަން ކަލޭ ބޭނުންތަ؟] ޙުސެންފުޅުބެ އަދިވެސް ބެލީ ބީކާލަށް އިތުރު ފުރްޞަތެއް ދެވޭތޯއެވެ.

[އަހަރެންގެ ޢާއިލާގެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް....އަހަރެންގެ ޢާއިލާވެސް ނައްތާލީ ތިކަހަލަ ރަޙުމްކުޑަ އިންސާނުންތަކެއް....އިންސާނުންނަކީ ވަރަށް ރަޙުމްކުޑަ ބައެއް....އަހަރެން ކަލޭމެންނަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަން....] ބީކާލްގެ އަޑާއި ރާގުވެސް ބަދަލުވިއެވެ. ޢާއިލާގެ ހިތްދަތި ނިމުން ހިތަށް ސިފަކުރެވުނީމާކަންނޭނގެއެވެ.

[އިންސާނުންނަކީ ކަލޭ ތިހީކުރާހާ ރަޙުމްކުޑަ ބައެއް ނޫން. ކަލޭގެ މައިންބަފައިން މެރި ބަޔަކުވެސް، ކަލޭގެ މައިންބަފައިންނަށް ސަލާމަތްވާން ފުރްޞަތުތަކެއްދޭނެ....އެވެރިން އެ ފުރްޞަތުތަކުގެ ބޭނުން ނުހިފީމާ މަރާލީ ކަމަށްވާނީ...އެހެނެއް ނޫން ކަލޭމެން. އެންމެ ރަނގަޅު....ބުނެބަލަ، ކަލޭ މުއީޒް މަރާލީ، އޭނާގެ ކޮން ކުށެއް އޮވެގެން...؟ އެސޮރު ކަލެއަށް ކޮން ގޯނާއެއް ކޮށްގެން؟] ޙުސެންފުޅުބެ، އިންސާނުންގެ ދިފާޢުގައި ވާހަކަ ދައްކައި، ބީކާލްގެ އުނިސިފަ ދެއްކިއެވެ.

[އަހަރެން މުއީޒް މަރާލީ....އަހަންނަށް ޒައިހާގެ ލޯބި ހޯދޭނެ އެންމެމޮޅު ގޮތަކީ، މުއީޒްގެ ސިފައިގައި ޒައިހާއާ ކުރިމަތިލުން ކަމަށް ފެންނާތީ....ޒައިހާއަށް މުއީޒް ފެނުމުގެ މާކުރިންވެސް، ކޮންމެ ރޭވިލޭރެޔަކުވެސް އަހަރެން އައީ ރޭވިލޭރޭގެ އުފަލާއި އަރާމުގެ ލައްޒަތު ޒައިހާގެ ކިބައިން ލިބިގަންނަމުން......ކަލޭމެން ކިތަންމެ މަސައްކަތް ކުރިޔަސް، ޒައިހާއަށް އެ އިޙްސާސްތަކާ ދުރަކަށް ނުދެވޭނެ. ކޮންމެ ރޭވިލޭރެޔަކުވެސް އޭނާއަށް އަހަރެންގެ ބީހުންތައް ބޭނުންވާނެ....] ފަޚްރުވެރި ރާގެއްގައި ބީކާލް ބުންޏެވެ.

[ކަލޭ ކީއްވެތަ، އިންސާނެއްދެކެ ލޯބިވާންވީ؟] އަނެއްކާވެސް ޙުސެންފުޅުބެ އެއްސެވެ. އޭރުވެސް ކިޔެވެލި ކިޔަވާ މީހުން ހުއްޓުމެއްނެތި ކިޔަވަމުންދެއެވެ.

[ތި ސުވާލު އަހަރެންގެ ހިތާކުރޭ....އަހަރެންވެސް ޖަވާބު ބޭނުންވާ ސުވާލެއް، ކަލޭ ތިކުރީ....ހަމަގައިމުވެސް އަހަރެންގެ އިޚްތިޔާރެއް އޮތްނަމަ....އަހަރެން އިންސާނަކުދެކެ ލޯތްބެއް ނުވާނަން....އަހަރެންގެ ޢާއިލާ ނެތިދިޔަގޮތް ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފޮހެވޭނެ....އަހަރެންގެ ބައްޕަގެ ވަޞިއްޔަތެއް އެއީ، އިންސާނެއްގެ ބަނޑުން އަހަރެންގެ ދަރިޔަކު އުފަން ކުރުން. ޒައިހާ އަހަންނަށް ދަރިޔަކު ވިހާނެ....] އެވަގުތު ޒައިހާ އަނެއްކާވެސް ތެޅިގަތެވެ. އެއަތް ފޮޅުވާލުމަށްފަހު، ބަނޑުގައި ހިފަހައްޓާލިއެވެ. ބަނޑުގައި ވޭންއަޅާތީ ކެތްނުވެގެން އުޅޭފަދައިންނެވެ. އެހިނދު އެންމެން ބަލަން ތިއްބާ ޒައިހާގެ ބަނޑު އުފުލެން ފަށައިފިއެވެ. އެ މަންޒަރު ފެނި، ބައެއް މީހުން ބިރުން ފަހަތަށް ޖެހުނުވެސްމެއެވެ. ނަމަވެސް، އެއްވެސް މީހަކު ބިރުނުގަތުމަށް، އަތުގެ އިޝާރާތުން ޙުސެންފުޅުބެ އިލްތިމާސް ކުރުމުން، ބިރުން އުޅުނު މީހުންތައް ހިމޭންވެއްޖެއެވެ.

[ކަލޭކަހަލަ ގޮތްދޫނުކުރާ ފަރާތަކަށް މަރު ނޫން ގޮތެއް ނެތް. ކަލޭ ޒައިހާގެ ޙަޔާތުން ދުރަށްދާން އެއްބަސްވިނަމަ، އަހަރެން ކަލޭ މިނިވަންކުރީމުސް....] ޙުސެންފުޅުބެ ދެން މަސައްކަތް ފެށީ، ބީކާލްގެ ބާރު މުޅިން ދެރަކޮށް މުލުން ލުހެލާށެވެ. އޭރު ޒައިހާގެ ބަނޑު އުފުލެމުން ގޮސް، ދުވަސް ފުރިފައިވާ މާބަނޑު އަންހެނެކޭ އެއްފަދަ ވެއްޖެއެވެ. ނަމަވެސް، ޙުސެންފުޅުބެ ބިރެއްނުގަނެއެވެ.

ޙުސެންފުޅުބޭ، އޭއްޗަށް އެއްވެސް ފުރްޞަތެއްދޭނެ ކަމެއް ނެތް....ހުވާކުރުވާފައި ދޫކޮށްލިޔަސް، އެހެން ކޮންމެވެސް ރީތި ފިރިހެނެއްގެ ސިފައިގައި އައިސް، އެމަންޖެގެ ޙަޔާތަށް ވަދެގަންނަން މަސައްކަތް ކުރާނެ.] ޙުސްނީ، ޙުސެންފުޅުބެއަށް ލަފާދިނެވެ. ޙުސެންފުޅުބެ މަސައްކަތުގައި ހުރެ ބޯޖަހާލިއެވެ.

ޙުސެންފުޅުބެއާއި އޭނާގެ ބައިވެރިން މަސައްކަތް ކުރާތާވީ ގަޑިއެއްހާއިރެވެ. ގަދަ ވޭނާއި ކެކުޅުންތަކަކަށްފަހު، ޒައިހާގެ ބަނޑުން ދިރޭ ފުރާނައެއް އުފަން ވެއްޖެއެވެ. ބައެއް މީހުން ބިރުން ހަޅޭއްލަވައިގަތެވެ. އެއީ އިންސާނެއް ނޫނެވެ. ޒައިހާގެ ބަނޑުން އުފަންވި އެތި، އެމީހުންގެ ލޯތަކަށް ފެނުނީ ސިކުންތުކޮޅަކަށެވެ. އޭތި މައްޗަށް އަރައިގެން ދިޔައީއެވެ. ބައެއް މީހުންނަށް އޭތީގެ މޫނު އިންސާނެއްގެ މޫނާ ވައްތަރުވިޔަސް، އޭތީގެ އަތްފައި މުޅިން ތަފާތެވެ. މޫނު ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ހިސާބެއްގައި ހީވަނީ ހުޅުނބު ޖަހާފައިވާހެންނެވެ. އަތުގެ އިނގިލިތައް ދިގުވެފައި، އެހާމެ ތޫނުވެސްމެއެވެ. އޭރު އެތަނުން ބައެއް މީހުން ބިރުން ތުރުތުރު އަޅަމުންދިޔައެވެ. ބަދުރިއްޔާ މޮޔައަކު ފަދައިން ރޮއިހޭރެނީއެވެ.

އެއީ މިފަދަ ގޮތެއް މެދުވެރިވެއްޖެ ކޮންމެފަދަ މަޔަކަށްވެސް ވެދާނޭ ގޮތެއް ކަމަށް ގަބޫލުކުރަން ޖެހެއެވެ.

[އެމަންޖެ މަރުވަނީ...ޙުސެންފުޅުބޭ އެމަންޖެ ސަލާމަތްކުރޭ....] ކެތްނުވެވިގެން ބަދުރިއްޔާ އުޅުނީ ޒައިހާއާ ދިމާއަށްދާށެވެ. ނަމަވެސް، އެވަގުތު ހުހަށްތިބި މީހުންގެ ތެރެއިން ބަޔަކު ބަދުރިއްޔާ ހިފަހައްޓައިފިއެވެ.

[ބަދުރިއްޔާ މައިތިރިވޭ، ޒައިހާއަށް އެއްކަމެއްވެސް ނުވާނެ. އަހަރެން އެމަންޖެ ސަލާމަތްކުރާނަން.] ޙުސެންފުޅުބެ ބަދުރިއްޔާއަށް ހިތްވަރު ދިނުމަށްފަހު، އަނެއްކާވެސް ކިޔެވެލި ކުރިއަށް ގެންދިޔައެވެ. މާގިނައިރުތަކެއްނުވެ، ދެން ފެނުނީ ޒައިހާގެ ހަށިގަނޑު ތެރެއިން ކަހަލަ ގޮތަކަށް ކަޅު ހިޔަންޏެއް ފޭއަށްދިޔަތަނެވެ. ބެލެވޭ ގޮތުގައި ބީކާލް ޖިންނީގެ އަޖަލު ހަމަވަނީއެވެ. ނޫންނަމަ އޭތި ޒައިހާ ދޫކޮށްދިޔައީއެވެ.

[އޭތި ދިޔައީ...ދެން ނުކެރޭނެ، މިމަންޖެއަށް ވައިއެޅޭކަށްވެސް. އެކަމަކު ބުނަން، އަހަރެން މިއަޅައިދޭ ތަވީދު އެއްގޮތަކަށްވެސް މިމަންޖެގެ އުނަގަނޑުން ނެގިޔަދީގެން ނުވާނެ...އޭތި ނަގައިފިއްޔާ، އޭއްޗަށް އަނެއްކާވެސް ބާރު ލިބިދާނެ.] ޙުސެންފުޅުބެ ޒައިހާގެ އުނަގަނޑުގައި ތަވީދު އެޅުވިއެވެ. އެއަށްފަހު، އޭނާ ޒައިހާއަށް ގޮވަން ފެށިއެވެ. ޒައިހާ ހޭއެރުވުމަށްޓަކައެވެ.

[ޒައިހާ...ޒައިހާ، ލޯހުޅުވަބަލަ....] ޙުސެންފުޅުބެ މަޑުމަޑުން ޒައިހާގެ މޫނުގައި ޖަހާލިއެވެ. މާގިނައިރުތަކެއްނުވެ ޒައިހާ ލޯހުޅުވާލިއެވެ.

[މިއީ ކޮންބައެއް...އަހަރެން މިތާ ބާއްވައިގެން ކީއްތިކުރަނީ....ކޮބާ އަހަރެން ވިހޭ ދަރިފުޅު.....] ބަނޑުގައި އަތް ކާއްތާލުމަށްފަހު، ޒައިހާ އެއްސެވެ.

[ދަރިފުޅު ކުއްޖަކު ވިހެއިންތަ؟] ޒައިހާއާ ފުރަތަމަ ވާހަކަ ދެއްކީ ޙުސްނީއެވެ.

[އާނ...ވިހެއިން...ވިހެއީ މީގެ ކުޑައިރުކޮޅެއް ކުރިން...އަހަރެން ބޭނުން، އަހަރެންގެ ދަރިފުޅާ ބައްދަލުކުރަން...] ޒައިހާ ތެދުވިއެވެ. ނަމަވެސް، އެވަގުތު ޙުސެންފުޅުބެ ޒައިހާ އެނދުމަތީގައި ބޭއްވިއެވެ.

[އަދި ދާކަށްނުވޭ. އިހަށް އަރާމްކޮށްލާ. މިހާރު ތިއޮތީ ވަރުބަލިވެފައި....] ޙުސެންފުޅުބެ، ޒައިހާގެ އަތުގައި ހިފަހައްޓާލިއެވެ. އެންމެ ޢަޖައިބުވާ ކަމަކީ، ކުއްޖަކު ވިހޭކަމުގެ އެއްވެސް ޢަލާމާތެއް މިހާރު ޒައިހާގެ ކިބައިގައި ނެތްކަމެވެ. ބަނޑުގައި ވޭނެއްވެސް ނާޅައެވެ. ބަނޑުވެސް ވަނީ އާދައިގެ ދުވަސްވަރެކޭ އެއްފަދައިން ހިނދިފައެވެ. ޙުސެންފުޅުބޭގެ ނަޞޭޙަތުގެ އަޑު އެހުމަށްފަހު، ޒައިހާ އިރުކޮޅެއް ވަންދެން ހިމޭނުން އޮތެވެ. ހީވާކަހަލައެވެ. އޭނާ ޙުސެންފުޅުބެދެކެ ޖެހިލުންވަނީއެވެ. ބިރުގަންނަނީއެވެ.

[މިވަގުތު އަހަރެން މިދަނީ....އޭނައަށް ސަމާލުވާތި. މިބުނީ އޭނަގެ އުނަގަނޑުގައި އަޅުވާފައިވާ ތަވީދު ނެގިޔަނުދޭށޭ. އެ ނަގައިފިއްޔާ، ފަހަރުގައި ނުރައްކަލެއްވެސް ކުރިމަތިވެދާނެ. ކަމެއް ގޯސްވެއްޖެއްޔާ، އަނެއްކާވެސް އަހަންނަށް އަންގާލާތި....] ޙުސްނީއަށް ގޮވައި، ދުރަށް ގެންގޮސް ޙުސެންފުޅުބެ ކިޔައިދިނެވެ.

[މިހާރުދެން އެއްކޮށް އެމަންޖެ، އޭތީގެ ކިބައިން ސަލާމަތް ކުރެވުނީތަ؟] ހިތް ބިރުގެންފައި ހުރެ ޙުސްނީ އަހާލިއެވެ.

[އަދި އެއްރޭގެ ކިޔެވުމަށްފަހު މުޅިން ސަލާމަތްވެވޭނީ.....މިހާރަކުވެސް އޭއްޗަކަށް ޒައިހާއާ ކައިރިއެއް ނުވެވޭނެ....] ޙުސެންފުޅުބެ ހިނގައިގަތެވެ. ޙުސެންފުޅުބެ ދިޔުމާއެކު، ބަދުރިއްޔާއާއި ޙުސްނީ ޒައިހާ ގާތަށްޖެހި، ޒައިހާއަށް ހިތްވަރުދޭން ފެށިއެވެ.

[އަޅެ ކޮބައިތަ އަހަރެންގެ ދަރިފުޅު....ބީކާލް އަހަރެންގެ ދަރިފުޅު ގެންދިޔައީތަ؟] ޒައިހާ ފުންމައިގެން ތެދުވިއެވެ. ހީވީ ކުއްލިއަކަށް އާދަޔާ ޚިލާފު ބާރެއް ލިބުނީމާ ފުންމައިގަތީހެންނެވެ.

[ދަރިފުޅާ....] ޙުސްނީ ޒައިހާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް، ގައިގައި އަތްނުލާށޭ ބުނެ، ޒައިހާ ޙުސްނީގެ އަތް ފޮޅުވާލިއެވެ.

[އެކަކުވެސް އަހަރެންގެ ގައިގައި އަތްލައިގެން ނުވާނެ. ކަލޭމެންނަކީ އަހަރެންގެ ދުޝްމަނުން....ތީ އަހަރެންގެ ދިރިއުޅުން ރޫޅާލަން އުޅޭ ބައެއް....] ޒައިހާ ބާލީސްތައް ޙުސްނީމެންނާ ދިމާއަށް ހޫރަން ފެށިއެވެ.

[އަޅެ ޙުސްނީ، ޙުސެންފުޅުބެއަށް އަދި މާދުރަކަށް ނުދެވޭނެ. ޙުސެންފުޅުބެ ގޮވައިގެން އާދޭ.....] ބަދުރިއްޔާއަށް ރޮވެން ފެށުނެވެ.

އޭރު ޙުސެންފުޅުބެއަށް އެގެޔާ މާދުރަކަށް ނުދެވެއެވެ. ކުއްލިއަކަށް ޙުސެންފުޅުބެ ހުއްޓުނީ، ފަހަތުން މީހަކު ގޮވާލި އަޑަށެވެ. ޙުސެންފުޅުބެ ހުއްޓި ފަސްއެނބުރުނެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

[ތިހެން ހަމަޖެހިގެން ކަލެއަކަށް ގެޔާ ހަމައަކަށް ނުދެވޭނެ.] ދެން އިވުނީ ނާމާން ޒާތެއްގެ އަޑަކުން ކުޑަކުއްޖަކު ގޮވާލި އަޑެވެ.

[ކާކުތީ؟] ޙުސެންފުޅުބެ ހުއްޓުނެވެ. އެޔާއެކު އަނެއްކާވެސް އެ އަޑު އިވުނެވެ. ކުރިއަށްވުރެން ނާމާން ޒާތަކަށެވެ. މިފަހަރު އަޑުއައީ ތަންކޮޅެއް ގާތުންނެވެ. ވުމާއެކު، ހިސާބަކަށް ޙުސެންފުޅުބެ ބިރުވެސްގެންފިއެވެ. އޭނާ ހުއްޓި ވަށައިގެން ހޯދަން ފަށައިފިއެވެ.

[ކާކުހޭތީ؟] އަނެއްކާވެސް ޙުސެންފުޅުބެ އެއްސެވެ.

[ޒައިހާއާއި ބީކާލްގެ ދަރިފުޅު....ކަލޭ ބޭނުން ނަމަކުން އަހަރެންނާ މުޚާޠަބު ކުރިޔަސް ވަރިހަމަ....] މިފަހަރު އަޑުއިވުނީ ޙުސެންފުޅުބޭގެ ފައިދަށުން ކަހަލަ ގޮތަކަށެވެ. ޙުސެންފުޅުބެ ތެޅިގެންފައި ދުއްވައިގެންފިއެވެ. އެއީ އިރުއޮއްސި، ދުނިޔެމައްޗަށް އަނދިރިކަން ވެރިވެފައިވާ ވަގުތު ކަމަށްވުމުން، މަގުމަތީގައި މާގިނަ ބަޔަކުވެސް ފެންނާކަށް ނެތެވެ. ޙުސެންފުޅުބެ ބޮޑަށް ބިރުގަތީ އެހެންވެގެންނެވެ.

[ކިތަންމެ ބާރަށް ދުވިޔަސް، އަހަންނަށްވުރެން ބާރަކަށް ނުދެވޭނެ....ކަލޭ ބުނީ ކީކޭ....އަހަރުމެންގެ ވަސްވެސް ފޮހެލާނަމޭ....އެހެން މީހަކަށް އެކަން ކުރެވުނަސް، ކަލެއަކަށް އެކަމެއް ނުވާނެ....] މިފަހަރު އަޑާއެކު ދުވަމުންދިޔަ ޙުސެންފުޅުބޭގެ ކޮނޑުގައި މީހަކު ހިފިއެވެ. ނަމަވެސް، ޙުސެންފުޅުބެ ފަސްއެނބުރި ބަލައެއްނުލައެވެ. އޭނާ ދުވަމުން ދިޔައީ، އެ އަޑާ ދުރަށް ދެވޭތޯއެވެ. އަމިއްލަ ދިފާޢުގައި ކަމެއް ކުރެވިފައި ނެތީމާ، ޙަޤީޤަތުގައި އޭނާވަނީ ވަރަށްބޮޑު ބިރަކާ ކުރިމަތިލާން ޖެހިފައެވެ.

[ކިތަންމެ ބާރަށް ދުވިޔަސް، ގެޔަކަށް ނުދެވޭނެ...އަހަރެން ގެންދާ ތަނަކަށް ދެވޭނީ....މީގެ ގަޑިއެއްހާއިރު ކުރިން، ކަލޭ އަހަރެންގެ ބައްޕައަށް ކަލޭގެ ބާރު ދެއްކީ....މިއޮތީ އަހަރެންގެ ބާރު ދެއްކުމުގެ ވަގުތު ޖެހިފައި....] މިފަހަރުވެސް އެއްވެސް މީހަކު ނުވަތަ ކުއްޖަކުވެސް ނުފެނެއެވެ. އެކަނި އިވުނީ ނާމާން އަޑެކެވެ. ޙުސެންފުޅުބެ ހުއްޓުނެވެ. އޭރު ޙުސެންފުޅުބެ ދުވާތާ ފަނަރަވަރަކަށް މިނިޓް ވެދާނެއެވެ. އޭރު އޭނާގެ ލޯމައްޗަށް ވަނީ ފުސްއަރާފައެވެ.

[ކަލޭ ހުއްޓި ތިހުރީ ކަލޭގެ ގޭގެ ކުރިމަތީގައެއްނު. އަވަހަށް ތިގެއަށް ވަދޭ....] މިފަހަރުވެސް އިވުނީ އަޑެކެވެ. ޙުސެންފުޅުބެ ލޯ އުނގުޅާލުމަށްފަހު، ވަށައިގެން ހޯދާލިއެވެ. ތެދެކެވެ. އޭނާއަށް ހުއްޓިފައި އެހުރެވުނީ، އޭނާގެ ގޭގެ ދޮރުމައްޗަށެވެ. އެގެޔަށް ވަދެވިއްޖެއްޔާ، އޭނާއަށް އެއްވެސް ނުރައްކަލެއް ނެތްކަން އެނގޭތީ، އޭނާ ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު، އަވަހަށް އެތެރެއަށް ވަނުމަށްޓަކައި ދުއްވައިގެންފިއެވެ.

[ދެން ކަލެއަށް އެއްވެސް ވައްތަރެއް ނުޖެއްސޭނެ.] ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަމުން، ހުސެންފުޅުބެ މޭ ފުއްޕާލިއެވެ. ދެން އިވުނީ ޙުސެންފުޅުބެ ބިރުން ހަޅޭއްލަވައިގެން އަޑެވެ. އޭނާއަށް ވަދެވިފައިވަނީ، ނާމާން ކިއްލާއަކަށެވެ. މުޅި ގޭތެރޭން ފާޅުވަމުންދަނީ ނާމާން ސޫރަތަކެވެ.

އޭނާގެ ލޯމައްޗަށް، އޭނާގެ ގޭގެ ގޮތުގައި ފެނުނަސް އެއީ ޖިންނި އޭނާއަށް ދެއްކި ދަޅައެވެ. މިހާރު ޙުސެންފުޅުބެ އެހުރީ އެ ޖިންނީގެ ފުރިހަމަ ބާރުގެ ދަށުގައެވެ.

[އަހަރެން ސަލާމަތް....ކުރޭ. އަހަރެން ދުވަހަކުވެސް ކަލޭމެންނަށް ގޯނާއެއް ނުކުރާނަން....] ޙުސެންފުޅުބެ ބިރުން ރޫރޫއަޅަން ފަށައިފިއެވެ. އެހިނދު، ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އެ ފާޅުވީ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. އެކުއްޖާ ހުރީ ޙުސެންފުޅުބެއާ ދިމާއަށް ލޯއަޅައިގެންނެވެ.

[ކަލޭ އުޅުނީ އަހަރެންގެ މަންމަގެ ބަނޑުން އަހަރެން އުފަންވެސް ނުވަނީސް، އަހަރެން މަރާލަން.] މި ޖުމްލައާއެކު އެ ކުޑަކުއްޖާގެ ސިފަ ބަދަލުވެގެން އެދިޔައީ، ކޮންމެ އިންސާނަކުވެސް ބިރުގަންނާނެފަދަ ސިފައަކަށެވެ. އަނގައިގެ ދަތް ދިގުވުމުގެ އިތުރުން، އަތުގެ ނިޔަފަތިތައްވެސް ދިގުވެއްޖެއެވެ. ދެލޯ ހީވަނީ އަނގުރު އަލިފާންކޮޅެއްހެންނެވެ. އަނގަ ހުޅުވާލީމާ، އަނގައިން އޮލަ ދިޔާ އެއްޗެތިތަކެއް ފައިބަން ފެށިއެވެ.

[އަހަރެމެންގެ ނަސްލަށް އަނިޔާވެރިވާ ބަޔަކަށް ފުރްޞަތެއް ނުދޭނަން....] ދެން ފެނިގެންދިޔައީ، ނިކަން ރަޙުމްކުޑަ މަންޒަރެކެވެ. އެ ނާމާން ސިފައިގައިވާ ޖިންނީގެ ތޫނު ވަކިތަކުން ޙުސެންފުޅުބެ ނޮޅާ ޒަޚަމް ކުރަނީއެވެ. އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ދަނިކޮށެވެ.

[ކަލޭގެ ދުވަސް ދުއްވާލަން ބޭނުންވަނީ، ކުދި އަނިޔާދީ....] އޭތީގެ އަތް މިހާރު ވަދެގެން އެދިޔައީ، ޙުސެންފުޅުބޭގެ ބަނޑަށެވެ. އެއާއެކު ގޮހޮރު ފަޅައިގެން ގޮސް، ބަނޑުތެރޭގައިވާ ސާމާނުތައް ބޭރުވާން ފަށައިފިއެވެ. ވޭނީ އަޑަކާއެކު، ޙުސެންފުޅުބޭގެ ފަހުނޭވާވެސްލީ އެވަގުތުއެވެ.

[އަދިވެސް ޙުސެންފުޅުބެ ބަލާދިޔަ މީހާގެ ޚަބަރެއް ނުވޭތަ، އެމަންޖެ ހަލާކުވަނީ. އަވަހަށް ޙުސެންފުޅުބެ ގެނެސްބަލަ....] ބަދުރިއްޔާ ވާހަކަ ދެއްކީ ޙުސްނީއާއެވެ. ޙުސެންފުޅުބެ ބަލައި ފޮނުވި އެގޭގެ އަވަށްޓެރި އިބްރާހީމް އެނބުރި އައިސްވަނީ އެވަގުތުއެވެ.

[ޙުސެންފުޅުބޭގެ އަންހެނުން ދަލޭކަ ބުނީ އަދި ގެޔަކަށް ނާދެޔޯ.....] ޙުސެންފުޅުބެ އާދޭތޯ އިރުކޮޅަކު އެގޭގައި ހުރެވެސްފަ މިއައީ....] އިބްރާހީމް ބުންޏެވެ.

[ޙުސެންފުޅުބެ ހޯދަން އަހަރުމެން ވަކި ދާނީވެސް ކޮންތާކަށް؟] ޙުސްނީ ވިސްނާލިއެވެ. އޭރު ޒައިހާގެ އަތުގައި ހިފަހައްޓައިގެން، މަނިކާއި ބާޤިރާ ދެމީހުން ތިއްބެވެ.

[އަހަރެންގެ އަތުން ދޫކުރޭ. ބީކާލާއެކު އަހަރެންދިޔަދީ....] ޒައިހާ ރޮއިރޮއިފައި ހަޅޭއްލަވަން ފެށިއެވެ.

[ހެޔޮނުވާނެ ދަރިފުޅާ...މަންމަގެ ރަނިކޮޅާ...ނިކަން ހަމަޖެހިބަލަ....] ބަދުރިއްޔާ ޒައިހާގެ އަތުގައި ހިފެހެއްޓިއެވެ.

[މަންމާ، އަހަރެން މިއޮތީ ހަމަޖެހިގެން. މިތަނުން މި އެންމެން ނެރެބަލަ. މިމީހުން ގާތު ބުނޭ، އަހަރެންގެ ގައިން ދޫކޮށްލާފައި މިތަނުން ދާށޭ...] މިފަހަރު ޒައިހާ ވާހަކަ ދެއްކީ، ހިސާބަކަށް ހަމަޖެހިފައިވާ ގޮތަކަށެވެ.

[ދަރިފުޅު ބަސްއަހައިގެން އޮންނަންޏާ، އެއްވެސް މީހަކު ދަރިފުޅު ގަޔަކު އަތެއްނުލާނެ.] ބަދުރިއްޔާ ޒައިހާގެ ބޮލުގައި އަތް ކާއްތާލަމުން ބުންޏެވެ.

[އަހަރެން ބަސްއަހާނަމޭ މަންމާ....މިމީހުން ގާތު ބުނޭ، މިތަނުން ދާށޭ...އެންމެން މިތާ ތިބީމާ، އަހަރެން ވަރަށް ހާސްވޭ އެބަ....] ޒައިހާ ތެދުވެ މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އެޔާއެކު، އެންމެންގެ މޫނުމަތިންވެސް ހިތްހަމަޖެހުމުގެ ކުލަވަރު ފާޅުވާން ފެށިއެވެ. ޙުސްނީ، އެތާނގައި ތިބި ހުރިހާ މީހުންނާއެކު ނުކުތެވެ. ޒައިހާ މުޅިން ރަނގަޅުވީ ކަމަށް ވިސްނާފައެވެ. އެކަމަކު ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޒައިހާ ހުރީ ދަނޑިވަޅަކަށް ފާރަލައިގެންނެވެ. މަންމައާއެކު އެކަނިވުމުން، ގައިގައި ހުރި ބާރެއްލާފައި އޭނާ މަންމަ ފޮޅުވާލާފައި، ކުޑަދޮރުން ފުންމާލައިގެން ދުއްވައިގަތީ ނިކަން ބާރަށެވެ. އޭގެ ކުރީގައި އޭނާގެ އުނަގަނޑުގައި ޙުސެންފުޅުބެ އެޅުވި ތަވީދުވެސް ކަނޑާ އެއްލާލިއެވެ.

މެދުގޭތެރޭގައި ތިބި ޙުސްނީމެން ކޮޓަރިއަށް އައިސްވަނީ، ޒައިހާ ކުޑަދޮރުން ފުންމާލައިގެން ފިލައިފިޔޭ ކިޔާ ބަދުރިއްޔާ ރޮއިގަތް އަޑަށެވެ.

އެވެރިން ތެޅެމުން ފޮޅެމުން އައިސް ކޮޓަރިއަށް ވަންއިރު ކަމަކުދާކަށް ނެތެވެ.

ޒައިހާ ފުންމާލި ކުޑަދޮރު ކައިރީގައި ހުރެ ބަދުރިއްޔާ ރޮއިހޭރެނީއެވެ. މަގޭ ދަރި ގެންގޮސްފިޔޭ ކިޔަމުންނެވެ.

[އެކަމަކު ޙުސެންފުޅުބެ ބުނާނެ، އޭއްޗަކަށް ދެނެއް ޒައިހާއާ ކައިރިއެއްނުވެވޭނޭ....އެކަމަކު އަހަންނަކަށް ހިއެއްނުވޭ، އެތީގެ ބާރަކާނުލާ ޒައިހާއަށް އެބާރު ދެއްކޭނެހެނެއް....] ޙުސްނީއާއި މަނިކާއި ބާޤިރު ފުންމާލުމަށްފަހު، ޒައިހާ ހޯދުމަށްޓަކައި ދުއްވައިގެންފިއެވެ. އަހަރެންވެސް ދާނަމޭ ބުނެފައި، ބަދުރިއްޔާވެސް ނުކުތެވެ. އޭރު ގަޑިން އަށެއްޖަހާ ބޮޑުވެދާނެއެވެ.

ޙުސްނީމެން ޒައިހާ ހޯދަން މަސައްކަތް ފެށިތާ، މާގިނައިރުތަކެއްނުވެ، ރަށު އޮފީހުގެ އެންގުމާވެސްއެކު، ރައްޔިތުންގެ ގިނަ ބަޔަކުވެސް ޒައިހާ ހޯދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. ނަމަވެސް، ރޭދެބައިވެގެންދިޔައިރުވެސް، ޒައިހާގެ ޚަބަރެއްނުވިތާ ޙުސެންފުޅުބެގެ ޚަބަރެއްވެސް ނުވިއެވެ.

މިހާރު ރަށުގެ ކޮންމެ ދިމާއަކުންވެސް ދަނީ ޒައިހާއާއި ޙުސެންފުޅުބެ ހޯދަމުންނެވެ. ބާޤިރު ފަންޒާ ޓޯޗް ބައްތީގެ އެހީގައެވެ. ނަމަވެސް، ރަށުގެ އެއްވެސް ދިމާއަކުން ޙުސެންފުޅުބެއާއި ޒައިހާގެ ހިލަމެއް ނުވެއެވެ. އެހެން ނަމަވެސް، އެދެމީހުން ފެނޭތޯ ހޯދަމުންދިޔަ އެއްވެސް މީހަކު އެވެރިންގެ މަސައްކަތް ހުއްޓައެއްނުލައެވެ.

އެންމެންވެސް ތިބީ ވަރަށް ފޯރީގައެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައެވެ. ދިވެހިންގެ ގުޅުންތެރިކަން އެނގިގެންދަނީ، މިފަދަ ކަމެއް ދިމާވާ ހިނދުއެވެ. ދިވެހިންނަކީ ޙަޤީޤަތުގައިވެސް ނަމޫނާ ރައްޔިތެކެވެ.

[ޙުސްނީ، އަދިވެސް އެމަންޖެ ނުފެނޭތަ؟[ ރޮއިރޮއިފައި ބަދުރިއްޔާ ވާހަކަ ދެއްކިއެވެ. އެއީ ޙުސްނީ ވަރުބަލިވެގެން ގެޔަށް އައިސް ވަން ވަގުތެވެ.

[ރަށުގެ ވަރަށްގިނަ ސަރަޙައްދު ބެލިއްޖެ. އަދިވެސް ޒައިހާއާއި ޙުސެންފުޅުބެއެއް ނުފެނޭ.] މާޔޫސީ ގޮތަކަށް ޙުސްނީ ބުންޏެވެ.

[ޒައިހާ ފެނޭތޯ އަދިވެސް ޙުސްނީދޭ.....] ބަދުރިއްޔާ، ޙުސްނީގެ ބުރަކަށީގައި އަތްއަޅާ ކޮއްޕާލިއެވެ. ޙުސްނީ ނުކުތެވެ. މަނިކާއި އޭނާގެ އެކުވެރިޔާވެސްވީ ޒައިހާ ހޯދުމުގެ މަސައްކަތުގައެވެ.

[ދެކުނުކޮޅު ރުއްދަނޑު އޮންނަ ސަރަޙައްދު ބެލިއްޖެތަ؟] ޙުސްނީ ނުކުމެގެން ހިނގައިގަތީމާ، ރޮއިރޮއި ހުރި ބަދުރިއްޔާ އެއްސެވެ.

[އެދިމާއަށް ދާން މިދަނީ...މިހާރުވެސް ދެތިން ގްރޫޕް އެދިމާއަށް ގޮސްވީ....] ފަސްއެނބުރި ބަލައިލުމަށްފަހު، މިހެން ބުނެފައިމެ، އަނެއްކާވެސް ޙުސްނީ ދިޔައީ ޒައިހާ ފެނޭތޯއެވެ. އޭނާއާއެކު ހަތަރުފަސް މީހުންވެސް ގޮވައިގެންނެވެ.

ޙުސްނީމެންނަށް އެހިސާބަށް ދެވުނުއިރު، އިތުރު ދެތިން ގްރޫޕްވެސް އެހިސާބުގައި ޙަރަކާތްތެރިވަމުންދިޔައެވެ.

[ޙުސްނީ ބަލާބަލަ....] ރުއްވަލަށް ވަނުމުން، ޙުސްނީއަށް ގޮވާލުމަށްފަހު، އޭނާގެ އަވަށްޓެރި އިބްރާހީމް އިޝާރާތްކުރީ، ވިއްސަކަށް ފޫޓް ދުރުން އާދަޔާ ޚިލާފް ކުލަތަކެއް ފާޅުވާހެން ހީވެގެންނެވެ. ބައެއްފަހަރު ރަންގުކުލަ އަރާހެންވެސް ހީވެއެވެ. ޙުސްނީއާއި އޭނާއާއެކު އައި އެންމެން އަވަސް އަވަހަށް އެދިމާއަށް ހިނގައިގެންފިއެވެ. އެ ފަސް މީހުންގެ ގްރޫޕްގެ ކޮންމެ މީހެއްގެ އަތުގައިވެސް އަލިވާ ޒާތުގެ އެއްޗެއް އޮތުމުން، މުޅި ހިސާބުގަނޑަށް ވަނީ ނިކަން ރަނގަޅަށް އަލި ފެތުރިފައެވެ.

[ޙުސްނީ އެއޮތީ މީހެއް...!] ޓޯޗް ބައްތީގެ އަލި އެޅުނު ދިމާއަށް ހުއްޓިހުރެ، އިބްރާހީމް އެންމެންގެ ސަމާލުކަމަށް ގެނައެވެ. އޭރު އޭނާގެ ބައްތީގެ އަލި އެޅިފައިވަނީ، މީހެއްގެ މޫނަށެވެ. ދުރުކަމުން ކާކުކަން ވަކިކުރަން ނޭނގުނަސް، އެއީ ކޮންމެވެސް މީހެއްކަން ޔަޤީންވުމާއެކު، އެންމެން އެދިމާއަށް ދުއްވައިގެންފިއެވެ. ކަމަކުދާކަށްނެތެވެ. އެހިސާބަށް ދެވުމާއެކު، އެންމެނަށް ހަޅޭއްލަވައިގަނެވުނީ، އެއްފަހަރާކަހަލަ ގޮތަކަށެވެ. އެތާނގައި އޮތީ ޙުސެންފުޅުބޭގެ މޫނެވެ. ހަށިގަނޑާ ވަކިންނެވެ. ހަށިގަނޑު ވަނީ އެކަށް ނޮޅާ ކުދިކުދިކޮށްފައެވެ. ބައެއް މީހުން ބިރުން އައިކޮޅަށް ދުއްވައިގަތީއެވެ. ހަޅޭއްލަވަމުންނެވެ. އެ ސަރަޙައްދު ހޯދުމަށް ޙަރަކާތްތެރިވަމުންދިޔަ ގިނަބަޔަކުވެސް، އެމީހުންގެ އެ އަޑަށް އިސާހިތަކު އައިސް، މުޅި ހިސާބުގަނޑު ފުރޭކަށް މާގިނައިރެއް ނުނެގިއެވެ. އެކެއްގެ ދުލުން އަނެކެއްގެ ކަންފަތަށް ގޮސް، އެޚަބަރު މުޅި ރަށަށް ފެތުރޭކަށް މާގިނައިރެއް ނުނެގިއެވެ.

އެމަންޒަރު ފެނި، ހިތްދެރަ ބައެއް މީހުން ހޭނެތި، އަނބުރައިގަނެގެން ވެއްޓެންވެސް ފެށިއެވެ. އެޚަބަރު ލިބުމުން، ރޮއިރޮއި ވަރުދެރަވެފައިވާ ބަދުރިއްޔާވެސް ޚަބަރު ހުސްވިއެވެ.

[ޙުސެންފުޅުބެއަށް އެވަރުކޮށްފައިވާއިރު، އަހަރެންގެ ދަރިއާ ދޭތެރޭ ކަންތައް ކުރާނީ ކިހިނެއް....] ޚަބަރު ހުސްވުމުގެ ކުރިން ބަދުރިއްޔާއަށް ބުނެވުނީ އެވަރަށެވެ.

މިހާރު މުޅި އެރަށް ވަނީ ނާމާންވެފައެވެ. ރަށުގެ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުންދަނީ، ބިރުވެރިކަމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ.

[ބަދުރިއްޔާ ހިތްވަރުކުރޭ. ކޮންމެ ގޮތެއްވިޔަސް، އޭތި އެމަންޖެއަކަށް އެފަދަ އަނިޔާއެއް ނުދޭނެ....] ޙުސްނީ ބަދުރިއްޔާއަށް ހިތްވަރުދެވޭތޯ މަސައްކަތް ކުރަމުންދިޔައީ، އޭނާވެސް ގަދަކަމުން ހިތްވަރު ނެރެމުންނެވެ. ޙަޤީޤަތުގައި ބަދުރިއްޔާއެކޭ އެއްފަދައިން، އޭނާއަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

އޭނާ ޤަބޫލުކުރާ ގޮތުގައި، ޒައިހާއަކީ އެކަނި ބަދުރިއްޔާގެ ދަރިއެއް ނޫނެވެ. އެއީ އޭނާގެވެސް އުފަން ދަރިއެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

[އޭތި އަނެއްކާ އަހަރެމެންނަށްވެސް ގެއްލުމެއް ނުދޭނެބާ؟ ދީފާނެ، އެކަމަކު އެމެންޖެއާހެދި އެވަރަށް އުޅެންޏާ، އަހަރުމެންނަކާ ނުބެހޭނެކަންނޭނގެ....] ފިކުރު ބޮޑުވެފައި ހުރެމެ، ޙުސްނީ ވާހަކަ ދެއްކިއެވެ.

އެވަގުތު ޒައިހާ ފެނިއްޖޭ ގޮވަމުން، އެގެއަށް އައިސް އެވަނީ އަވަށްޓެރިންތަކެކެވެ.

[އޭނ! ކޮބައިތަ އެމަންޖެ. އެމަންޖެ ފެނުނީ ކޮންތާކުން؟ ޙާލު ރަނގަޅުތަ؟] ބަދުރިއްޔާ ފުންމައިގެން ތެދުވެ ސުވާލުތައް އަމުނާލިއެވެ.

[ސަހަރާތެރޭ ވަރުދެރަވެފައި އޮތީ. މަނިކުމެން އޭނާ އެބަގެނޭ. ދެތިން މަހާނަވެސް ކޮނެފައި ހުރީ.] އަވަށްޓެރިން ކިޔައިދިނެވެ. އެހިނދު މަނިކާއި އިތުރު ދެމީހަކު ޒައިހާ އުފުއްލާލައިގެން ގެނެސް، ގެޔަށް ވައްދައިފިއެވެ. ޒައިހާ ފެނުމާއެކު، ބަދުރިއްޔާ، މަގޭ ދަރިއޭ ކިޔާފައި، ޒައިހާގެ ގައިގައި އޮޅުލައިގެންފިއެވެ. ބާރަށް ރޮއިގަންނަމުންނެވެ.

[ދަރިފުޅާ...ދަރިފުޅާ، ރަނގަޅުވެއްޖެޔޭ ބުނެފައި، ކީއްތިކުރީ.....ކޮންތާކުން ތިއައީ؟] ބަދުރިއްޔާ، ޒައިހާގެ ގައިގައި އޮޅުލަ އޮޅުލާފައި ރޯން ފެށިއެވެ. ނަމަވެސް، ޒައިހާ ޗުއްޕުވެސް ނުބުނެއެވެ. އޭނާ މަންމަގެ މޭގައި ބޯއަޅާލިގޮތަށް ހުރީއެވެ.

ހީވާކަހަލައެވެ. އޭނާ އެވަނީ ގަނޑުވެފައެވެ. އެހެން ނޫންނަމަ، އޭނާގެ މަންމަގެ އިތުރުން، އަވަށްޓެރިންނާއި، ޙަޤީޤީ ބައްޕަ މަނިކުމެން އެހާވަރަށް ވާހަކަ ދައްކާއިރު، ހިމޭނުން ނުހުރީހެވެ. ނޫންނަމަ، މިހާރުވެސް ޖިންނި، އޭނާގެ ބޮލަށް ސަވާރުވެފައި ވަނީއެވެ.

[ދަރިފުޅާ، ތަވީދުވެސް އެއްލާލީއޭދޯ؟ އެ ތަވީދު އޮތްނަމަ، ކޮންމެވެސްވަރަކަށް އޭތީގެ ކިބައިން މިންޖުވީސް.] ޒައިހާގެ ހެދުމުގެ ފަސްބައިގައި އެލިފައި އޮތް ތަވީދު ޙުސްނީއަށް ފެނުނީ އެހެން ބުނެވުނު ވަގުތުއެވެ.

ޙުސްނީ ވަގުތުން އެ ތަވީދު ނަގައި، އަލުން ޒައިހާގެ އުނަގަނޑުގައި އަޅުވާލިއެވެ. އެހިނދު ޒައިހާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނުފަދަ ޙަރަކާތެއް ކުރިކަމުގައި ވިޔަސް، އޭނާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާ ވަށައިގެން ތިބި މީސްމީހުންގެ މޫނަށް ބަލަން ފެށީ، ކޮންމެވެސް މީހަކު ނުފެނިގެން ހޯދާ ފަދައިންނެވެ.

[މަންމާ...އަހަރެންގެ ދަރިފުޅު މިގޭ ދޮރުމަތީގައި އެބައިން...މިގެއަށް ހަދާފައިވާ ފަންޑިތަ ބާޠިލް ކުރީމާ ނޫނީ އެސޮރަކަށް މިގެއަކަށް ނުވަދެވޭނެ. މިހާރުވެސް މަންމަގެ ލޯތްބަށް އެދި އެސޮރު ރޮއި އާދޭސްކުރާ އަޑު އަހަންނަށް އެބައިވޭ.] ޒައިހާ ކުއްލިއަކަށް ދޮރާ ދިމާއަށް އިނގިލި ދިއްކުރަން ފެށިއެވެ. ޒައިހާ އިނގިލި ދިއްކުރާ ދިމާއަށް އެންމެން އެކުގައި ބަލަން ފެށިއެވެ. ދޮރުމަތީގައި އޮތީ ބޮޑު ކަޅު ބުޅަލެކެވެ. އެ ބުޅާ ފެނުނީމާ، ބައެއް މީހުން ބިރުވެސްގަތެވެ.

[ދަރިފުޅާ، އެތާ އޮތީ ބުޅަލެއް.] ބަދުރިއްޔާ ނިކަން ލޯތްބާއެކު، ދަރިފުޅުގެ ބޮލުގައި އަތް ކާއްތާލިއެވެ.

[އެއީ ބުޅަލެއް ނޫން....އެއީ އަހަންނާ ބީކާލްގެ ލޯބީގެ ގަހުގައި އެޅި ހަމައެކަނި މޭވާ......ޙުސެންފުޅުބެ މަރާލީވެސް އެސޮރު.....އެސޮރު އެބުނަނީ އެވާހަކަ....] ޒައިހާ ދޮރުމަތީގައި އޮތް ބުޅަލާ ދިމާއަށް ބަލަން ހުރެމެ ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ....] ބަދުރިއްޔާ އާދޭހުގެ ރާގެއްގައި ދަރިފުޅަށް ގޮވާލިއެވެ.

[ޙުސްނީ ބުޅާ ފައްސާލުމަށްޓަކައި ދޮރާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް، އޭތި އަތަކަށް ހިރިވެސްނުލާ އޮތީއެވެ. ޙުސްނީ އެބުޅަލާ ދެފޫޓެއްހާ ކައިރިއަށް ޖެހިލަމުން، ބިންމަތީގައި ބާރަށް ފައިން ޖެހިއެވެ. ދެންވެސް އެ ބުޅާ ހިރިވެސްނުލާ އޮތެވެ.

ޙުސްނީ ގާތަށް ރުޅިއައީ، އޭނާ ދެތިންފަހަރަށް ބިންމަތީގައި ފައިން ޖެހީމަވެސް އޭތި ހިރިނުލީމައެވެ.

ރުޅި އިސްވުމާއެކު، ޙުސްނީ އެއްފައި ކުރުކޮށްފައި، އެބުޅަލުގެ ބުރަކަށީގައި ޖެހިއެވެ. އެއާއެކު އޭތި ފުފިގަތެވެ. ދެލޯ ބޮޑުކޮށްލައި، އަނގަ ހުޅުވާލުމަށްފަހު، އޭތި އެލިގަތީ ޙުސްނީގެ ކަރުގައެވެ. ނާމާން އަޑަކާ އެކުގައެވެ. އިސާހިތު އޭތީގެ ތޫނު ވަކިތަކުން ޙުސްނީގެ ކަރު ޒަޚަމްކޮށްލައިފިއެވެ. އައްދޯއިއޭ ކިޔާ ރޮއި ހަޅޭއްލަވައިގަންނަމުން، ޙުސްނީ ދުއްވައިގަތީ ފާޚާނާއާ ދިމާއަށެވެ. އޭރު އޭތި ޙުސްނީ ދޫކޮށްލާފައި ހިނގައްޖެއެވެ. އެތާނގައި ދެންތިބި މީހުންވެސް ޙުސްނީގެ ފަހަތުން ދުއްވައިގެންފިއެވެ. އޭރު ހުސްނީގެ މޫނުން ހޯސްލާފައި ލޭތައް ފައިބަން ފަށައިފިއެވެ.

[ތެދެއް އެއީ ބުޅަލެއް ނޫން....] އެތަނުގައި ތިބި މީހުންތަކުގެ ތެރެއިން މީހަކު ބުނެލިއެވެ.

[ބައްޕަ ކީއްކުރަންތަ، އަހަރެންގެ ދަރިފުޅުގެ ގައިގައިޖެހީ...އެސޮރަށްވެސް ތަދުވީމަ، ރުޅި އަންނާނެއެއްނު....] ޒައިހާ ކުށްވެރިކުރީ ޙުސްނީއެވެ. މަންމަ ބަދުރިއްޔާ ގާތުގައެވެ. ދެންވެސް ބަދުރިއްޔާ ޒައިހާ ގާތު ބުނީ، އެއީ ކުއްޖެއް ނޫން ކަމަށާއި، ބުޅަލެއް ކަމަށެވެ.

[މަންމަމެންނަށޭ ބުޅަލެއްގެ ސިފައިގައި ފެންނަނީ....ހަމަ ރަނގަޅަށް މިބުނަނީ، މަންމާ، އެއީ އަހަންނާއި ބީކާލްގެ ދަރިފުޅު....މަންމާ ކީއްވެތަ، މަންމަމެން އަހަންނާ ބީކާލް ދުރުކުރުމަށް މަސައްކަތް ކުރަނީ. އޭނަ ކިހާ ރަނގަޅު....އަހަރެންދެކެ ކިހާ ލޯބިވޭ. އޭނާ އަހަންނަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއްވެސް ވެދާނެ. އޭނާވަނީ އެކަމަށް އަހަރެން ގާތު ވަޢުދުވެފަ....] މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން ހުރެމެ، ޒައިހާ ވާހަކަ ދެއްކިއެވެ.

[މަންމަމެން އޭނާ އެވާ ލޯބި ޤަބޫލުކުރާނީ، ދަރިފުޅުގެ ލޯތްބަށްޓަކައި މަންމަމެން އެދޭ ކަމެއްވެސް ކޮށްގެން....] ބަދުރިއްޔާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ވެރިވީކަންނޭނގެއެވެ.

[މަންމަމެން ބުނި ކޮންމެ ކަމެއްވެސް، އަހަރެންގެ ލޯބި ޙާޞިލްކުރަން ބީކާލް ކޮށްފާނެ. ބީކާލް އަހަރެންދެކެ ލޯބިވާވަރު އެންމެ ރަނގަޅަށް އިޙްސާސް ކުރެވޭނީ އަހަންނަށް....] ޒައިހާ މަންމަގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޙަޤީޤަތުގައި އޭނާ ބޭނުންވަނީ މަންމަމެން ކަނޑައަޅާ ޝަރުޠުތަކާއެކުވެސް، އޭނާ ލޯބިވާ ބީކާލާއެކު ގުޅުން ބަދަހިކުރާށެވެ.

[ބީކާލް ގާތުގައި ބުނޭ، ދެއަހަރު ވަންދެން، ދަރިފުޅާ ދުރުގަ އުޅޭށޭ...މާނައަކީ މިރަށުގައިވެސް މިބުނި ދެއަހަރު ދުވަސްތެރޭ އުޅެގެން ނުވާނޭ...] އެތާނގައި ދެން ތިބި މީހުންގެވެސް އިރުޝާދާއެކު، ބަދުރިއްޔާ ޝަރުޠު ކަނޑައެޅިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން