ދަރަވަންދޫގޭ ހުސައިން ދީދީއަކީ ދިވެހިރާއްޖެއިން ކިޔަވައިވިދާޅުވެގެން، މިފަހުގެ ތާރީޚެއްގަ ދިވެހިރާއްޖޭގައި އިލްމު ފަތުރުއްވަން، ވަކީން ޚާއްސަކޮށް ދީނީ އިލްމު ފަތުރުއްވަން އެންމެ ބޮޑަށް މަސައްކަތްކުރި ދަންނަބޭކަލުންގެ ތެރޭގަ ހިމެނުނު އައްޝައިޚް ހުސައިން ސަލާހުއްދީނެވެ. އެމަނިކުފާނު ދިވެހި އަދަބިއްޔާތަށް ކުރައްވާފައިވާ ޚިދުމަތަކީ އަދި އަދަށް ދާންވެސް އިތުރު އެއްވެސް ދިވެއްސަކަށް ކޮށްދެވިފައިވާ ނުވާ ވަރުގެ ބޮޑު ޚިދުމަތެކެވެ.

މި ލިޔުން މި ޚާއްސަކުރަނީ އެމަނިކުފާނު ލިޔުއްވި ބައެއް ފޮތްތަކުގެ ކުރު ތައާރަފެއް ދިނުމަށެވެ. މި މައުލޫމާތު ނަގާފައި މިވަނީ އެމަނިކުފާނު ލިޔުއްވި ބައެއް ފޮތްތަކުގެ މައްޗަށް މުލަކަތޮޅު މުލީ އަބްދުލްލާ ސާދިގު (ހެންވޭރު އާމުލީގެ)، އާދެ އަޅުގަނޑުމެންގެ ސޯދުބެ، 1 ރަބީއުލްއައްވަލް 1374 ހ. (28 އޮކްޓޯބަރު 1954) ގެ ސަރުކާރުގެ ޚަބަރު ނޫހުގައި ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

އަރަބި ނަންތައް ދުވަސްވީ ޗާޕަކުން ބަލައިގެން ލިޔުނުއިރު ކުށެއް ލިޔެވިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ކުށެއް ފެނިއްޖެނަމަ ކޮމެންޓެއްގެ ގޮތުގައި ފާހަގަކޮށްދިނުން އެދެމެވެ.

1- الدرة البهية فى ترجمة الاحكام الشرعية

މިއީ ފިގުހުގެ ކުޑަ މުގައްދިމާއެކެވެ. 3 ފަހަރެއްގެ މަތިން (1909، 1912، 1913) މިފޮތުގެ 17200 ކޮޕީ ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 56 އެވެ.

2- البرهان على الأيمان

މިއީ ކުޑަކުދީންމަށް އީމާންކަމާއި އިސްލާމްކަން ދަސްކޮށްދޭން ފަސޭހަވާނޭހެން ލިޔުއްވާފައިވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 32 އެވެ.

3- الحسنات فى ترجمة الأذكار والدعوات الواردة فى الصلاة المفروضات

މިއީ ނަމާދުކުރުމުގައި ކިޔޭ ޒިކުރު ތަސްބީހައާއި ދުއާތަކުގެ ދިވެހި ތަރުޖަމާއެކެވެ. ދެ ފަހަރެއްގެ މަތިން (1930، 1931) 2000 ކޮޕީ ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 100 އެވެ.

4- النهجةالسويه فى ترجمة الأربعين النورية

މިފޮތް ޗާޕުކުރެވުނީ 1916 ގައެވެ. ސަފުހާގެ އަދަދަކީ 72 އެވެ.

5- تسديدالأذهان فى تجويد القرآن

މިފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 48 އެވެ.

6- اليكم ايهاالنواب

މިއީ ކާވެނީގެ ހުކުމްތަކުގެ ތެރެއިން ކޮންމެހެން ބޭނުންވާ މައުލޫމާތުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1926 ގައެވެ. ސަފުހާގެ އަދަދަކީ 24 އެވެ.

7- ކާވެނީގެ ސުވާލުތައް

މިއީ ކާވެންޏަށް ފަނޑިޔާރުގެއަށް އަންނަ މީހުންނާ ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 1931 ގައެވެ. ސަފުހާގެ އަދަދަކީ 40 އެވެ.

8- التحفة الأدبية لطلاب اللغة المحلديبية

މިއީ ދިވެހިބަހުގެ މައްޗަށް ލިޔެފައިވާ ކުޑަފޮތެކެވެ. މިފޮތް ޗާޕުކުރެވުނީ 1958 (؟) ގައެވެ. ސަފުހާގެ އަދަދަކީ 48 އެވެ.

9- جوهرة التوحيد

މިއީ ތައުހީދު އިލްމުގެ މައްޗަށް ދިވެހިބަހުން ހައްދަވާފައިވާ ޅެންފޮތެކެވެ. މިފޮތް ޗާޕުކުރެވުނީ 1939 ގައެވެ. ޖުމްލަ 1000 ފޮތް ޗާޕުކުރެވުނެވެ. ސަފުހާގެ އަދަދަކީ 28 އެވެ.

10- އައްސުލްތާން ހަސަން ނޫރައްދީން (2) ރަދުންނަށް ރަސްކަމަށް ކޮލިލުމަށްފަހު، ރަދުންގެ ފަރާތުން މާލޭގެ ހަތަރު އަވަށަށާއި ރާއްޖެއަށް ނެރުއްވި އަމުރުފުޅުތަކުގެ މައްޗަށް އެކުލެވިގެންވާ ފޮތެއް. މިފޮތް ޗާޕުކުރެވުނީ 1938 ގައެވެ. ސަފުހާގެ އަދަދަކީ 28 އެވެ.

11- السيرة النبوية بااللغةالمحلديبية

މިއީ ސަލާމާއި ސަލަވާތްލެއްވި ކީރިތި މާތްރަސޫލާގެ ސިޔަރަތުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. ފޮތް ޗާޕުކުރެވުނީ 3 ބަޔަށް ބަހައިގެން 1937 ގައެވެ. ފޮތުގެ 3 ބައިގައިވަނީ ޖުމްލަ 1654 ސަފުހާއެވެ.

12- ތަސްބީހައާއި ތަހްލީލު ކިޔާގޮތް ލިޔެފައިވާ ކުޑަ ފޮތެއް. ފޮތް ޗާޕުކުރެވުނީ 1938 ގައެވެ. ސަފުހާގެ އަދަދަކީ 8 އެވެ.

13- ޚުތުބާ ފޮތް 1 އަދި 2

މިއީ ހުކުރު ޚުތުބާ ފޮތުގެ ދެ ފޮތެވެ. ޗާޕުކުރެވުނީ 1927 ގައެވެ. ފޮތެއްގައި އެކުލެވިގެންވަނީ 48 ސަފުހާއެވެ.

14- ޚުތުބާ ފޮތް

މިއީ މާލޭގައި ޗާޕުކުރެވުނު ޚުތުބާ ފޮތެކެވެ. ޗާޕުގެ ތާރީޚެއް ނޭނގެއެވެ. ފޮތުގައި ވަނީ 54 ސަފުހާއެވެ.

15- احسن العبر فى خبر ولادة خير البشر

މިއީ ވޯރާ ވިޔަފާރިވެރިޔަކު ބުންބާއިން ޗާޕުކޮށްދިން ކުޑަ މައުލޫދު ފޮތެކެވެ. ޖުމްލަ 2000 ފޮތް ޗާޕުކުރެވުނެވެ.

16- فتح الملك المجيب فى ترجمة مسلك قريب

މިއީ 1906 ގައި އައްޑޫ މީދޫގައި ހުންނެވިއިރު އެރަށު އެޅެގޭ މުހައްމަދު ދީދީއަށް ތަރުޖަމާކޮށްދެއްވި އަޅުކަމާބެހޭ ފޮތެކެވެ. ސަފުހާގެ އަދަދަކީ 162 އެވެ.

17- ދިންނަވާނޭމަގު

މިއީ 1935 ގައި ކޮޅުމަޑުލު އޮމަދޫގައި ހުންނަވައިގެން ލިޔުއްވި އަޅުކަމުގެ ފޮތެކެވެ. ފޮތް ތަޚުސީސްކުރެއްވީ މެދުގަނޑުވަރު ތުއްތުގޮމަޔަށެވެ. ފޮތުގައިވަނީ 58 ސަފުހާއެވެ.

18- كتاب الفطرة لأهل التفكر والعبرة

މިއީ ގަލޮޅުގޭ މުހައްމަދު ދީދީ ވިދާޅުވެގެން ލިޔުއްވި އިސްލާމްދީނުގެ އަގާއިދުތަކުގެ މައްޗަށް ލިޔުއްވި ފޮތެކެވެ. ފޮތުގައިވަނީ 278 ސަފުހާއެވެ.

19- سورة الفاتحة ގެ މާނަ

މިއީ 1940 ގައި ލިޔުއްވި ފޮތެކެވެ. ފޮތުގައިވަނީ 26 ސަފުހާއެވެ.

20- ترجمة السياسة الشرعية للعلامه جمال الدين الأفغانى

މިއީ 1922 ގައި ތަރުޖަމާކުރެއްވި ފޮތެކެވެ. ފޮތުގައި ވަނީ 76 ސަފުހާއެވެ.

21- ހާރުދަމުގެ ވައި

މިއީ 1922 ގައި ލިޔުއްވި ޚިޔާލީ ކުރުވާހަކައެކެވެ. ފޮތުގައި ވަނީ 18 ސަފުހާއެވެ.

22- هداية الرحمن الى ترجمة رسائل السيد احمد زينى دحلآن

މިއީ 1940 ގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ތަރުޖަމާކޮށްދެއްވި ފޮތެކެވެ.

23- ނަމާދު

މިއީ 1940 ގައި ކުރެއްވި ތަރުޖަމާއެކެވެ. ތަރުޖަމާގެ އަސްލަކީ خلاصة الكلام فى اركان الأسلام އެވެ. ސަފުހާގެ އަދަދަކީ 50 އެވެ.

24- الترقية فى التربية

މިއީ މާބަނޑުމީހުން އުޅެންވީ ގޮތާއި ކުދީން ތަރުބިއްޔަތު ކުރުމުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 129 އެވެ.

25- އެމަނިކުފާނަށް އެކިއެކި އެދުރުންގެ ކިބައިން ލިބިވަޑައިގެންނެވި ބޭހާއި ގުޅޭ ލިޔުންތައް އެއްކޮށް 1939 ގައި ޖަމާކޮށްފައިވާ ފޮތެއް. ސަފުހާގެ އަދަދަކީ 171 އެވެ.

26- العبرة لأهل الخبرة

މިފޮތަކީ ބޮޑުހަނގުރާމައިގެ ބައެއް ވާހަކަތަކާއި އެދުވަސްވަރުގައި ރާއްޖެއަށް ޖެހުނު ތަދުމަޑު ހާލު ބަޔާންކޮށްދެއްވާފައިވާ ފޮތެކެވެ.

27- برهان المبين فى ان رسالة نبينا محمد كانت رحمة للعالمين

މިއީ السيد العلامة صدقه دحلان ގެ މިއުރާޖު މައުލޫދުގެ ތަރުޖަމާއެކެވެ. ތަރުޖަމާކުރެއްވީ 1930 ގައެވެ. ސަފުހާގެ އަދަދަކީ 40 އެވެ.

28- شرف الأنام مولود ގެ ތަރުޖަމާ

މިއީ 1935 ގައި ކޮޅުމަޑުލު އޮމަދޫގައި ހުންނަވައިގެން ކުރެއްވި ތަރުޖަމާއެކެވެ. ސަފުހާގެ އަދަދަކީ 214 އެވެ.

29- ތާނަ ޚުތުބާ ފޮތް

މިއީ ދިވެހި ބަހުން ލިޔުއްވައި މާލޭ ހުކުރު މިސްކިތުގައި އެކި ދުވަހު ވިދާޅުވި ޚުތުބާތައް އެއްކުރައްވައިގެން ހެއްދެވި ފޮތެކެވެ. ސަފުހާގެ އަދަދަކީ 338 އެވެ.

30- تقريرات المدرسية

މިއީ އެކި ދުވަސްމަތިން މަދުރަސަތުއްސަނިއްޔާ (މިހާރުގެ މަޖީދިއްޔާ) ގައި ދެއްވާފައިވާ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 254 އެވެ.

31- تقريرات صلاح الدين

މިއީ ދައުލަތުގެ އެކިއެކި ކަންކަމުގެ ތެރޭގައި އެމަނިކުފާނު ދެއްވާފައިވާ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 45 އެވެ. 1940 ގައި މިފޮތް މުހައްމަދު އަމީން ދޮށިމޭނާ ކިލަގެފާނަށް ވެދުމަށް އެރުވިއެވެ.

32- ތައުބާ ނަމާދު

މިއީ 22 ސަފުހާގެ މައްޗަށް އެކުލެވިގެންވާ ވަރަށް ކުޑަކުޑަ ފޮތެކެވެ.

33- ފުރަބަންޑާރަ ފަރާތުން މާލޭގައި ކިޔާ ހަތަރު އަވަށު މައުލޫދުގެ ތަގުރީރުތައް އެއްކޮށް ޖަމާކުރައްވާފައިވާ 58 ސަފުހާގެ ފޮތެއް.

34- ބޮޑުތަކުރުފާނު ވާހަކަ

މިއީ މިއީ އައްސުލްތާން އަލްޣާޒީ މުހައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކައެވެ. ފޮތް ލިޔުއްވީ 1940 ގައެވެ. ސަފުހާގެ އަދަދަކީ 349 އެވެ.

35- ދޮންބީފާނު ވާހަކަ

މިއީ 1921 ގައި ލިޔުއްވި ވާހަކައެކެވެ. މިފޮތަށް ރިވާޔަތު ކަރީމުއްދީނޭވެސް ކިޔައެވެ. ފޮތުގައިވަނީ 340 ސަފުހާއެވެ.

36- ސުވޭހު ކާވެނިފުޅު

މިއީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (6) ގެ ރަސްކަން ބަދަލުވީ ދުވަސްވަރުގެ ވާހަކަތައް ބަޔާންކޮށްފައިވާ ފޮތެކެވެ. ފޮތުގައިވަނީ 141 ސަފުހާއެވެ.

37- رواية نعمان و مريم

މިއީ 1933 ގައި ލިޔުއްވާފައިވާ ވާހަކަ ފޮތެކެވެ. ފޮތުގައިވަނީ 338 ސަފުހާއެވެ.

38- އިބްނުބަތޫތާގެ ދަތުރުނާމާއިން ދިވެހިރާއްޖޭގެ ވާހަކަތައް ނަންގަނެވުނު ބައިގެ ތަރުޖަމާ. މިއީ 1922 ގައި އެކުލަވާލެއްވި ފޮތެކެވެ. ފޮތުގައިވަނީ 98 ސަފުހާއެވެ.

39- ދެކުނުގެ ހަތްއޮޑިއެއް އެފްރިކާއަށް ބެހުނު ވާހަކައާއި އައްޑޫ މީދޫ އެދުރުގޭ އަހުމަދު ދީދީ މުމްބާސާގައި އަވަހާރަވީ ވާހަކަ ލިޔުއްވާފައިވާ ފޮތް. ލިޔުއްވީ 1924 ގައެވެ. ސަފުހާގެ އަދަދަކީ 153 އެވެ.

40- سفرنامه عبدالمجيد

މިއީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނު 1929 ގައި ކުރެއްވި ހައްޖު ދަތުރުފުޅާ ގުޅޭ ފޮތެވެ. މިއީ ކިލެގެފާނު ލިޔުއްވައި ސަލާހުއްދީން އެޑިޓްކުރެއްވި 289 ސަފުހާގެ ފޮތެކެވެ.

41- ދިވެހީންގެ سفرنامه

މިއީ 1928 ގައި ސަލާހުއްދީނުގެ ބައްޕަގެ އަރިހުގައި ހައްޖަށް ވަޑައިގެންނެވި ދަތުރުގެ މައްޗަށް ލިޔުއްވައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލަގެފާނަށް ވެދުމަށް އެރުވި ފޮތެކެވެ. ލިޔެ ނިންމެވީ 17 އޮގަސްޓް 1928 ގައެވެ. ފޮތުގައި ވަނީ 120 ސަފުހާއެވެ.

42- ކުދިވާހަކަ ފޮތް

މިއީ 1939 ގައި ލިޔުއްވި 28 ވާހަކައިގެ މައްޗަށް އެކުލެވޭ 226 ސަފުހާގެ ފޮތެކެވެ.

43- ރޮކަމްބޯލްދަރީގެ ވާހަކަ

މިއީ ބޮޑުހަނގުރާމައިގެ ތެރޭގައި ރޫސީވިލާތުގައި ހިނގި ބައެއް ކަންކަމުގެ މައްޗަށް ލިޔެފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ. ފޮތް ލިޔުއްވީ 1939 ގައެވެ. ސަފުހާގެ އަދަދަކީ 153 އެވެ.

44- ބައްތިއުނދުނާއި ބަދިގޭއުނދުން

މިއީ 1929 ގައި ލިޔުއްވި 42 ސަފުހާގެ ފޮތެކެވެ.

45- حجގެ ވާހަކައާއި تميمގެ ވާހަކަ

މިއީ އެމަނިކުފާނުގެ ދަރިކަނބަލުން އައްނަބީލާ ފާތިމަތު ސައީދު ހައްޖަށް ވަޑައިގަންނަވަން އުޅުއްވި ދުވަސްވަރު އެކަމަނާއަށް ލިޔުއްވައިދެއްވި ފޮތެކެވެ. ފޮތުގައިވަނީ 68 ސަފުހާއެވެ.

46- اللمعة الظاهرة فى كتاب الدرة الفاخرة الامام حجة الأسلام الغزالى

މިއީ 1943 ގައި ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގައިވަނީ 216 ސަފުހާއެވެ.

47- العمدة فى ترجمة البردة

މިއީ 1929 ގައި ލިޔުއްވި ފޮތެކެވެ. ފޮތުގައި ވަނީ 91 ސަފުހާއެވެ.

48- ދުއާފޮތެއް

މިއީ ރަބީއުލްއައްވަލް މަހު ކިޔާ ދުއާތައް އެކުލެވިގެންވާ ފޮތެކެވެ. ދުއާތަކުގެ ތެރޭގައި ފޮނަދޫ ޚަތީބު ތަކުރުފާނު ހެއްދެވި ދުއާއަކާއި އިބްރާހީމް މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނު ހެއްދެވި ދުއާއަކާއި ދެކުނުގޭ ދޮންމަނިކު ހެއްދެވި ދުއާއެއް ހިމެނެއެވެ.

49- نفحة العنبرية فى أخبار ولادة خير البرية

މިއީ މައުލޫދު ފޮތެކެވެ.

50- نفحة المسك الذكى فى بعض منظومات الشيخ على النسكى وكتاب الأرشاد الأديب الى من نظم الشعر بالعربية من علماء محلديب

މިއީ 1938 ގައި ލިޔުއްވާފައިވާ ފޮތެކެވެ. ސަފުހާގެ އަދަދަކީ 231 އެވެ.

އެކުލަވާލީ: މުހައްމަދު ނާޖިހު



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން