އޭސީސީގެ ރައީސް އާއި ނާއިބު ރައީސް
އޭސީސީގެ ރައީސް އާއި ނާއިބު ރައީސް
އޭސީސީގެ މެންބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަކިކުރުމަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދެވެ. އެ ހުށައެޅުމަށް ތާޢީދުކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމްއެވެ.

އެ ހުށައެޅުން ކޮމިޓީން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި މައްސަލާގައި އޭސީސީގެ މެންބަރުން މަޖިލީހަށް ޖަވާބުދާރީވެފައިވާއިރު ކޮމިޓީގެ މެންބަރުން ބުނެފައިވަނީ އޭސީސީގެ މެންބަރުން ޖަވާބުދާރީވެފައިވަނީ އެމެންބަރުންނަށް ދިން މުހުލަތަށްވުރެ ލަހުން ކަމަށެވެ.

އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރަކު، މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށްވަނީ އިސްތިއުފާ ދީފައެވެ. އެއީ، އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފެވެ.

މިއަދު މަޖިލީހުގެ ކޮމިޓީން ނިންމީ، ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަކިކުރުމަށެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެންބަރުން ވަކިކުރުމަށް ފާސްވުމުން އެ މައްސަލާގައި އެންމެ ފަހުގެ ގޮތް ނިންމުމަށް މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން