ޓެކްސީއަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ގދ. ހޯނޑެއްދޫ / އިރުމަތީގެ، އަޙްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ / ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުން ހޯދިހޯދުންތަކުން އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ 2021 ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށްކިޔާ ލޯންޗުން މާލެއަށް ހޯނޑެއްދޫ / ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން (31 އ) އާއި ހޯނޑެއްދޫ / އަލޯރާ، އަޙްމަދު މުޖާހިދު (29އ) އެތެރެކުރި މަސްތުވާތަކެތިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމިހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވެއެވެ.

މީގެ އިތުރުން ހޯނޑެއްދޫ / އަލޯރާ އަރުޝަދު ޚާލިދު (26އ) އެ ތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުޙައްމަދު އަކްރަމް ޢަބްދުލް ހަންނާން ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އަރުޝަދު ޚާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތެވެ.

މި މައްސަލާގައި ތުުހުމަތުކުރެވޭ އަޙްމަދު ސުނައިން އާއި އަލީ ޒުބެއިރަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެ މީހުން ކަމަށްވެސް ފުލުހުން މިރޭ ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން