އެމް ޑަބްލިޔު އެސް ސީން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް، ރ. ދުވާފަރުގައި 35 ކިލޯވަޓް ޕީކް ޕަވަރގެ ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފިއެވެ.

ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48 ކިލޯވަޓް ޕީކް ޕަވަރގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް މިހާރު ވެސް އަންނަނީ އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ. އަލަށް ހަރުކުރި މި ސޯލަރ ޕަވާރ ސިސްޓަމާއެކު، ރ. ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83 ކިލޯވަޓް ޕީކް ޕަވަރގެ ސޯލާ ޕަވަރއަށް އިތުރުވެފައިވާކަމަށް ފެންކުންފުނިން ބުނެފައިވެއެވެ.

2012 ވަނަ އަހަރުން ފެށިގެން އެމް ޑަބްލިޔު އެސް ސީން ގެންދަނީ އެކުންފުނީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ފެންކުންފުނިން ގެންދަނީ މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނޭނެހެން އެކުންފުނީގެ އެކިއެކި އޮޕަރޭޝަން ސެންޓަރ ތަކުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ. މިގޮތުން، ޖުމްލަ 578 ކިލޯވަޓް ޕީކް ޕަވަރގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން މިއަދު އެކުންފުނިން ވަނީ ހޯދާފައެވެ. މި މަސައްކަތާއެކު، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ފެންކުންފުނިން ބުނެއެވެ.

އެމް ޑަބްލިޔު އެސް ސީން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުންފުނީގެ އޮޕަރޭޝަން ތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރުކޮށް، އެކުންފުނިން ދެމުން ގެންދާ ޚިދުމަތްތައް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިޔުމަށެވެ.

އެމް ޑަބްލިޔު އެސް ސީން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ. ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން