ބީއެމްއެލްގެ އެހީގައި ނ. މާޅެންދޫގައި ތަރައްޤީކުރި މަސްކަނޑާތަން
ބީއެމްއެލްގެ އެހީގައި ނ. މާޅެންދޫގައި ތަރައްޤީކުރި މަސްކަނޑާތަން
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ނ. މާޅެންދޫގައި ފަސޭހަކަމާއެކު ދުވާލާއި ރޭގަނޑުވެސް މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް މަސްކަނޑާ ތަނެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ ސޮސައިޓީ ފޯރ ލީޑާރސް އިނިޝިއޭޓް ޑިވެލޮޕްމަންޓްގެ (އެސް.އެލް.އައި.ޑީ) ފަރާތުން ތަރައްގީކޮށްފައިވާ މި މަސްކަނޑާތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭ ކަމަށެވެ.

އަދި މީގެ އިތުރުން ސާފު ރީތިފެން ލިބޭނެހެން އިސްކުރު ހަރުކޮށް މަސްކަނޑަން ޖާގަ އޮންނާނެހެން ފަރުމާކޮށްފައިވާއިރު ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް އެތަނުގައި ހުރެ އެވެ. އަދި މަސްކެނޑުމަށްފަހު އުކާލެވޭ ތަކެތި އެޅުމަށް ޑަސްބިން ބަހައްޓައި އެތަން ފަސޭހައިން ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

"މިއީ މާޅެންދޫގެ މަސްވެރިންނަށާއި އެހެނިހެން ރަށްރަށުން މި ރަށަށް އަންނަ މަސްވެރިންނަށް މަސްކެނޑުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރި މުހިންމު މަސައްކަތެއް. މިހާތަނަށް މަސްކަނޑަމުން އައީ ޖެޓީ މަތީގައި. ވާރޭވެހުނަސް އަދި އަވިދިނަސް ހަމަ ޖެޓީ މަތީ ތިބެގެން މަސްކަނޑަން ޖެހެނީ. މި ގާއިމްކުރެވުނު މަސްކަނޑާތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން. މި ފުރުސަތުގައި މިފަދަ މުހިންމު ޕްރޮޖެކްޓަކަށް ބީއެމްއެލް އިން ދެއްވި މާލީ އެހީތެރިކަން ފާހަގަކޮށް އެ ބޭންކަށް ޝުކުރު ދަންނަވަން." އެސް.އެލް.އައި.ޑީގެ އޮފިޝަލް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ މިތަން ބޭނުންކުރަމުން ގެންދާ ކަމަށެވެ. މިތަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން މަސްކެނޑުމުގެ މުބާރާތެއްވެސް ބާއްވާފައެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން