ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރާއްޖޭގެ ގިނަ ރަށްރަށުގައި 99 އިންސައްތައާއި 85 އިންސައްތައާއި ހަމައަށް ވައުދުތައް ފުރިހަމަވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު މާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ ‏ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން ގެންދަނީ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ގިނަ ރަށްރަށުގައި 99 އިންސައްތަ އާއި 85 އިންސައްތަ އާއި ހަމައަށް ވައުދުތައް ފުރިހަމަވެއްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



މާފަރު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެރަށުގެ ތަރައްގީއަށް ހުރި ޕްލޭންތަކުގެ ތަފްސީލް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މާފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރެއްވިއެވެ. މިއަދު ހެނދުނު މާފަރު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ކުރިން ކައުންސިލްތަކަށް ނެތް ބާރުވެރިކަން ޤާނޫނީގޮތުން ކައުންސިލްތަކަށް ހޯއްދަވައި ދެއްވުމަކީ ކައުންސިލުން ނުހަނު އުފާކުރާކަމެއް ކަމުގައި ފާހަގަކުރައްވައި އެކަމަށްޓަކައި މި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިގޮތުން ކައުންސިލުން އެންމެ އިސްކަމެއްދޭ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަށް ބޭނުންވާކަމަށާއި، ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް ބޭނުންންވާކަން ފާހަގަ ކޮށްފައި ވެއެވެ. އޭގެ އިތުރުން މާފަރު އިހްތިޞާޞްގައި ކުރިން ހިމެނިފައިވާ ބައެއް، އުނިވެފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް އެޅުމަށް ބޭނުންވާކަން ކައުންސިލުން ރައީސާ ހިއްސާ ކުރިއެވެ.

ހަމައެއާއެކު، މާފަރު އެއަރޕޯޓް ސަރަޙައްދުގައި ބާކީވެފައި ހުރި ތާރުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ މައްޗަށްވެސް ކައުންސިލުން އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގައި ހުރި އައިސް ޕްލާންޓް ހިންގައި ބޭނުން ކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށާއި، ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.



ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމާއި، ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއި ގުޅިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މާފަރަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން