އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް
ރައްޔިތުން ގައިންތާހިރު ކުރުމުގައި ކުރީގެ ހުރިހާ ސަރުކާރު ތަކެއް ފެއިލްވެފައިވާ ކަމަަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް ވިދާޅުވެއްޖެއެެވެ.

"ރަސްއޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ސޯލިޙްގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ގޮތާއި ބެހޭގޮތުން ސުވާލު ދެންނެވުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާޙް ވިދާޅުވީ ރައީސް ސޯލިޙްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާ އެއްކަމަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ ގޮތަށް ކުރެވިފައި ނުވާ ފެނާއި ނަރުދަމާގެ އުފާވެރިކަން ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެގޮތުން ހަމައެކަނި އެކުންފުނިން ވެސް މިއަހަރުގެ ތެރޭގައި 33 ރަށެެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިއްމައި މިއަހަރު އޭގެ ފުރިހަމަ ފަސޭހަތަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށް ޝާޙް ވިދާޅުވިއެވެ.

"ރައީސް ސޯލިހްގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒެއް ދިވެހި އެންމެހާ ރައްޔިތުން ވެސް ގައިން ތާހިރުވާނެ ގޮތް ފަހިކޮށްދިނުން. އެކަމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް އެބަދެއްވާ، ފެނާ ނަރުދަމާ ނެތި ކިހިނެއްތޯ ރައްޔިތުން ގައިން ތާހިރުވާނީ. ގައިން ތާހިރުނުވެ ކިހިނެއްތޯ އަޅުގަނޑުމެން ސިއްހީ ހާލަތު ރަނގަޅުކުރާނީ. ހަގީގަތުގައި ރައްޔިތުން ގައިން ތާހިރު ކޮށްދިނުމަށް ކުރީގެ ހުރިހާ ސަރުކާރުތަކެއް ވަނީ ފެއިލްވެފައި އެކަން ކާމިޔާބު މިކުރަނީ މި ސަރުކާރުން. ރައީސް ސޯލިޙްގެ ބެއްލެވުމުގެ ދަށުން އެކަން އަޅުގަނޑުމެން ކުރާނަން." އެމްޑަބްލިއުއެސްސީއާއި މަތިކޮށްފައިވާ ފެނާ ނަރުދަމާގެ ހުރިހާ މަސައްކަތް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމްޑީ ޝާޙް ވަރަށް އުއްމީދާއެކު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ ސަރުކާރުން ކުރާ މުހިންމު ބޭނުންތެރި އަދި ރައްޔިތުންނާއި ގުޅުންހުރި ތަރައްގީގެ މަސައްކަތްތައް އިދިކޮޅަށް ނުފެންނަނީ އެވެރިންގެ ވިސްނުމުގެ މައްސަލަ އަކުން ކަމަށެވެ. އަދި ޚާއްސަކޮށް މާލޭގައި ތިއްބަވައިގެން ފައިގެ ބޮޑުވާ އިނގިއްޔަށް ނަޒަރު ހިންގައިގެން އަތޮޅު ތެރޭގައި މިހާރު ހިންގަމުންދާ މަސައްކަތްތަކާއި ރައްޔިތުންގެ އުފާވެރިކަމާއި އިހްސާސްތައް ތަސައްވަރުވެސް ނުވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

"ދިވެހި ތާރިޚުގައި ވެސް އަތޮޅު ތެރޭގެ ތަރައްގީއަށް ރައްޔިތުންގެ ފަސޭހައަށް އެންމެ ގިނަ މަސައްކަތް ކުރި ސަރުކާރަކީ ރައީސް ސޯލިޙްގެ ސަރުކާރު. ހަގީގަތުގައި އިދިކޮޅުން ވެސް މާލޭގައި ތިއްބަވައިގެން ތިމާގެ ފައިގެ ބޮޑުވާ އިނގިއްޔާ ހަމައިން ނުބައްލަވާ އަތޮޅު ތެރެއަށް ނަޒަރު ހިންގަވާލައްވާ." ޝާހް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރަށްރަށުގައި މިސަރުކާރުން ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ހިންގާ ބިޔަ މަޝްރޫޢުތައް އިދިކޮޅު ފަރާތްތަކަށް އަސްލުގައި ވެސް ނުފެންނާނެ ކަމަށެވެ. އަޑިގައި ވަޅުލާފައި އޮންނަ އެއްޗަކަށް ވާތީ ފެނާއި ނަރުދަމާގެ ތަރައްގީ އިދިކޮޅަށް ނުފެންނަނީ ކަމުގައި ޝާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހޮޅިތައް މިއަޅަނީ މަގުމައްޗަކުނޫން، މަގު ކޮނެގެން މަގުގެ އަޑީގައި. އެހެންވީމާ ފެނާ ނަރުދަމާ ހޮޅިއެއް އިދިކޮޅަކަށް ނުފެންނާނެ ނޫންތޯ؟ ރަށު މެދުގައި ރައްޔިތުން ގަޔަށް ގެދަބުޅި އަރުވައަރުވާ ހުރި އިންޖީނުގެތައް އަޅުގަނޑުމެން މިގެންދަނީ ރަށުގެ މީހުން ނޫޅޭ އަދި އިދިކޮޅު މީހުންވެސް ނުދާ ހިސާބަށް. އެހެންވީމާ މީހުން ނުދާ ހިސާބުގައި ކިތަންމެ ބޮޑު ބިޔަ މަސައްކަތެއް ކުރިއަސް އިދިކޮޅަކަށް ނުފެންނާނެ ނޫންތޯ؟" މަލާމާތުގެ ރާގެއްގައި ޝާހު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ހަވާލުނުކޮށް ހުރި ރަށްރަށުގައި ފެނާ ނަރުދަމާ ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ނުފެށިވާ 39 ރަށެއްގައި އެ މަސައްކަތްތައް ކުރުމަށް އެއްބަސްވުމުގައި ދާދިފަހުން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ފެނާއި 16 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތެވެ.

ވެރިކަމުގެ މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމް ކުރުމަކީ ރައީސް ސޯލިޙްގެ ރިޔާސީ ވައުދެކެވެެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން