ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ސަރުކާރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންޖީނުގެތައް ތަރައްގީކޮށް ހުޅުވަމުންދާތީ އެކަމާ ނުގަބޫލުވާ ބަޔަކު ތިބޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ނ. މަގޫދޫގެ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންޖީނުގެތައް ތަރައްގީކޮށް ހުޅުވަމުންދާތީ އެކަމާ ނުގަބޫލްވާ އަދި ހިތް ނޭދޭނޭ ބަޔަކު ތިބޭނެ ކަމަށެވެ.

އެއީ އެބަޔަކަށް ނުކުރެވުނު ކަމެއް ކުރާތަން ފެނުމަކީ ހިތްއެދޭނެ ކަމެއް ކަމަށް ނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ތަރައްގީގެ މިސްރާބާ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ވަރަށް ތަފާތު ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީ މިސްރާބުކޮށްފައި މިހުރީ ރައްޔިތުންނަށް، ސީދާ ރައްޔިތުން މީހާ އަށް. ވަކިވަކި ފަރުދުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފުރަތަމަ ދިނުމަށް." ރައީސް ޞާލިޙް ވިދާޅުވި އެވެ.



މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގައި ހުރީ 70 މެގަވޮޓް އިންޖީނުގެ ކެޕޭސިޓީ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ތިން އަހަރުގެ ތެރޭގައި 140 މެގަ ވޮޓްގެ ކަރަންޓު މުޅި ރާއްޖޭގައި ފޯރުކޮށްދެމުންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"113 ރަށެއްގައި 213 އިންޖީން ފެނަކައިން ވަނީ ބަހައްޓާފައި. 39 ރަށެއްގެ އިންޖީނުގެ ނިމި 31 ރަށެއްގެ އިންޖީގޭގެ މަސައްކަތް ދަނީ ކުރިއަށް. ޖުމްލަ 70 އިންޖީނުގެ އަލަށް އެޅުމާއި 14 އިންޖީނުގެ މަރާމާތު ކުރުމުގެ މަސައްކަތް ފެނަކާއި ވަނީ ހަވާލުކޮށްފަ." ކަރަންޓުގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ފެނަކައިން ގާއިމް ކުރާ އިންޖީނުގެތައް 20-15 އަހަރު ވަންދެން ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. ރަށްރަށުގެ އިންޖީނުގެތައް ތަރައްގީ ކުރަމުންދާއިރު އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގައި 16 މެގަވޮޓްގެ ސޯލާ ހަކަތަ އުފައްދަމުން ގެންދިޔަ ނަމަވެސް މި ސަރުކާރުން 20 މެގަވޮޓް ސޯލާ ޕަވާ އިތުރުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 52 މެގާ ވޯޓަށް ސޯލާ ޕަވާ އިތުރުކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން