އަހުމަދު މަސްނޫމް   6 ޖެނުއަރީ 2022 - 16:42
ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. އެދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށީ، ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ.

މި ދުވަސް ނިސްބަތް ވަނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މަލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާއަށެވެ. ހުރާ ދޮން ހަސަންމަނިކުފާނު (ދޮންބަންޑާރައިން) ގެ ކޮލީ ނަންފުޅަކީ، އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.

ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށްލެއްވީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާމަހުގެ ތިނެއްވީ ރޭ މެންދަމުއެވެ. މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށް ވުރެވެސް ކުޑަ މުއްދަތެއްގައި ކަމަށް ތާރީޚީ ބައެއް ފޮތްތަކުގައިވެއެވެ.

ދޮންބަންޑާރައިންގެ ޖިހާދުގެ އިތުރުން، އެމަނިކުފާނުގެ ހަރުދަނާ ގައުމީ މަސައްކަތްޕުޅުތަކެއް ތާރީޚުން ފެންނަން އެބައޮތެވެ. އެގޮތުން ދޭތެރެދޭތެރެއިން ރާއްޖެއާ ތޮޅެމުންދިޔަ ހޮޅީންގެ އުނދަގުލުން ރާއްޖެ ދިފާޢުކުރުމަށްޓަކައި ފަރަންސޭސި ވިލާތުގެ ސިފައިންގެ އެހީތެރިކަން ހޯއްދެވުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ދޮންބަންޑާރައިން ވަނީ ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އަދިއަސްކަރީ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ދޮންބަންޑާރައިންނަށްފަހު އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ އައްސުލްޠާނު މުޙަައްމަދު ޝަމްސުއްދީނު (2)، އަދި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން، ޣިޔާޘުއްދީނު ރަދުން ވެސް ރަސްކަން ކުރައްވާފައިވެއެވެ.

ދޮންބަންޑާރައިން ރަސްކަމަށް އިސްވެ ވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މިސާލެކެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރާއްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނެވެ. އެހެންނަމަވެސް ހޮޅީން ވަނީ އެ ރަދުން ރާއްޖެއިން ގެންގޮސްފައެވެ. އެހެންކަމުން ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން ދޮންބަންޑާރައިންނާއި ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރިއެވެ. ނަމަވެސް ދިވެހިން އެ މަނިކުފާނުގެ ކިބައިން އެކަމަށް އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި, ރަސްކަމަށް އިސްނުވެ ޤައުމު ހިންގެވުމާއި ޙަވާލުވެ ހުންނެވީއެވެ. ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރާއްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގައެވެ.

މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން