ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން މަޑުކޮށްލުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އެދިވަޑައިގަތުމަކީ ޑިމޮކްރަސީއާއި ބީރައްޓެރި ކަމެއް ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް އެރަށުގައި ރޭ ބޭއްވި ޖަލްސާގައި އެ ދާއިރާއަށް ވާދަކުރާ އެެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިހަށް މަޑުކޮށްލުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިޙް އެދިވަޑައިގަތުމާއި ގުޅިގެންނެވެެ.

އެކަމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން މަޑުކޮށްލުމަށް ރައީސް އެދިވަޑައިގެންނެވީ މަލްޓި ޕާޓީ ޑިމޮކްރަސީގެ އަސާސް ތަކާއި އެއްގޮތަށް ސަރުކާރު ހިންގުމުގެ ބަދަލުގައި ޚުދުމުޚުތާރު އުސޫލުން ކަންކަން ކުރެއްވުމަށް ކަމަށެވެ. އެއީ ޑިމޮކްރަސީއާއި ބީރައްޓެހި ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.



އެމްޑީޕީން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ޑްރަގާއި ދެކޮޅަށް ރައްޔިތުން ވޯޓް ދެެއްވުމަށް ރައީސް ސޯލިހް ގޮވާލައްވާފައިވާތީ އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނު ގޮވާލެއްވި ގޮތަށް ޑްރަގާ ދެކޮޅަށް ވޯޓްދޭނަމަ ވޯޓް ދޭންޖެހޭނީ ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ފަތުހީއަށް ކަމަށެވެ.

"އުސްތާޒު ފަތުހީ އަކީ ޑްރަގާ އެ ނޫންވެސް އެފަދަ އެތައް އިޖްތިމާއީ މައްސަލަތަކެއް ހައްލު ކުރުމަށް ނަމޫނާއެއް." އާދަމް ޝަރީފް ވިދާޅުވިއެވެެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވި ވައުދުތައް ފުއްދައި ނިމެންދެން އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިހަށް މަޑުކޮށްލުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން ވެގެން އައި ވައުދުތައް ފުއްދާނީ އެމްޑީޕީން ކަމަށެވެ.

"މިދާއިރާއަށް ކުރިމަތިލާފައިވާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އަޅުގަނޑު ދަންނަވާލާނީ އިހަށް މަޑުކޮށްލައްވާށޭ، އަޅުގަނޑުމެން ވީ ވައުދުތަކެއް އެބަހުއްޓޭ މިދަނީ ބަރާބަރަށް ވައުދުތައް ފުއްދަމުން. މިކަން ކުރެވޭނީ އެމްޑީޕީއަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިއްމައިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު