އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މާލޭގައި ބާއްވަމުން އަންނަ ހަރަކާތްތަކުގައި ފުލުހުންނަށް ހަމަލާދީ ދައުލަތުގެ މުދަލަށް ގެއްލުން ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެއެއްވުންތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ދަތިކޮށް މަލޭ މަގުމަތިން ބަސް ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ހިތްވަރުދެމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން ބުނީ ތަކުރާރުކޮށް ބައެއް ފަރާތްތަކުން އެފަދަ އަމަލުތައް ހިންގަމުން ގެންދާތީ އެމައްސަލަތަށް މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަލުގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެނޫން ވެސް ހާއްސަ ގާނޫނަކާއި ގުޅޭ ކަމެއްނަމަ އެ ގާނޫނަކާއި އެއްގޮތަށް ކަމަށެވެ.

މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރަން ޖެހިއްޖެނަމަ، އެކަން ވެސް ކުރަނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށާއި އަދި އަންހެނުން ހައްޔަރު ކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ އިސްކަމެއް ދޭ ކަމެއް ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.

ފުލުހުންގެ އިދާރާއިން ބުނީ މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބާރުގެ ބޭނުންކޮށްފައިވާ ގޮތާ މެދު ޝަކުވާއެއް އޮތްނަމަ ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހުށަހެޅުމުން އެކަން ފުލުހުން ބަލާނެ ކަމަށެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅޭ އެއްވެސް ޝަކުވާ އެއް ވާނަމަ ނެޝަނަލް އިންޓިގްރިޓީ ކޮމިޝަން ނުވަތަ ކަމާ ގުޅޭ މުވައްސަސާއަކަށް ހުށައެޅުއްވުން އެދެމެެވެ." ފުލުހުން ބުންޏެވެ.

އިއްޔެ ހަވީރު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއިން 29 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެެ. އޭގެތެރެއިން ދެ މީހަކު ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ޝަރުތުތަކާއެކު އެ ދެމީހުން ވެސް ވަނީ ދޫކޮށްލާފައެވެ.

އިންޑިއާ އައުޓް ނަމުގައި އިދިކޮޅުން ބާއްވާ މުޒާހަރާތަކުގައި ގޮވާލަނީ ރާއްޖޭގައި، ތިބި އިންޑިއާ ސިފައިން ބޭލުމަށެވެ. މި މުޒާހަރާތައް ރޫޅުމާލުމަށް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެެ.



ކިޔުންތެރިންގެ ހިޔާލު