ބަޣާވާތާއި ދެކޮޅަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ދައްކަވަނީ ކޮން ބަޣާވާތެއްގެ ވާހަކަތޯ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ސުވާލު ކުރައްވައިފި އެވެ.

ޝިދާތާ މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ބަޣާވާތާ ދެކޮޅަށް ވޯޓް ދެއްވުމަށް ރައީސް ސޯލިހް ގޮވާލެއްވުމާއި ގުޅިގެންނެެވެ.

ބަޣާވާތުގެ ބައިވެރިންނާއި ދެކޮޅަށް ވޯޓް ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވީ އެމްއެންޕީއާއި އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ސީ ޕީ އަބްދުﷲ ރިޔާޒަށް އިޝާރަތް ކުރަށްވައެވެ.

ނާޒިމާއި ރިޔާޒަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމުގެ އަޑީގައި ތިއްބެވި ބޭފުޅުން ކަމަށް ބުނެ އެއީ ބަޣާވާތުގެ ބައިވެރިން ކަމުގައި އެމްޑީޕީން ސިފަކުރެއެވެ. އެކަމާ ގުޅިގެން މިސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ވަނީ އެމަނިކުފާނު އެދައްކަވަނީ ކޮން ބަޣާވާތެެއްގެ ވާހަަކަތޯ ސުވާލު ކުރަައްވާފައެވެ.

"2015 ގެ މޭޑޭގައި އެމަނިކުފާނު (ރައީސް ޞާލިހު) އަޅުގަނޑުމެންނާއެކު ނިކުންނެވީ ދަމުނަމާދު ކުރައްވަންތޯ؟" ކުރީގެ ރައީސް ޔާމިންގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީއާއި އޭރުގެ އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން މާލޭގެ ބޭއްވި މޭޑޭ މުޒާހަރާގެ ހަނދާން އާކުރައްވަމުން ޝިދާތާ ސުވާލުކުރެއްވިއެވެ.

އެމުޒާހަރާގައި އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ބަޣާވާތުގެ ވާހަކަ ރައީސް ދެއްކެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އަދި އެމްއެންޕީގެ އިސް ބޭފުޅުން ރައީސް ޞާލިހުގެ އެވާހަކަ ފުޅަށް ރައްދު ދެއްވަމުން ގެންދަވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެފަދަ ބައެއް މީހުން ބުނީ އެވާހަކައަށް ޖަވާބު ދިނުމަކީ ބަޣާވާތް ކުރިކަމަށް އަމިއްލައަށް އިޢުތިރާފް ވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު