ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ވަންގް ޔީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިއްމާލެއްވުމަށްފަހު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ ވަންގް ޔީގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާ ކަމަށެވެ.





ޗައިނާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރާއްޖެއާ ޗައިނާއާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާއަށް ދާ ދިވެހިންނަށް ވިސާ ނެތި އެގައުމަށް ދެވޭ ގޮތް ހަމަޖެއްސި އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެެ.

މީގެއިތުރުން ރާއްޖެއަށް އެކި ދާއިރާތަކުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވާއިރު، ރާއްޖެއަށް 62.8 މިލިއަން ޑޮލަރު (960 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން އެގައުމުން ވަނީ ނިންމާފައެވެ. އަދި ހިލޭ އެހީގެ އިތުރުން ރާއްޖޭގެ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރަން 199 މިލިއަން ރުފިޔާގެ މަޝްރޫއެއް ޗައިނާގެ އެހީގައި ހިންގުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް ވަނީ ބާއްވާފައެވެެ.



ކިޔުންތެރިންގެ ހިޔާލު