އަހުމަދު މަސްނޫމް   9 ޖެނުއަރީ 2022 - 16:6
އައްޑޫގަަައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓް އަންނަ ހޮނިހިރު ދުވަހު އަލުން ހުޅުވަން ހަމަޖެހިއްޖެއެވެ.

ކޯވިޑާއި ގުޅިގެން ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓަކީ 2007 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވި ރިސޯޓެކެވެ. ކެނެރީފްގެ އިތުރުން އައްޑޫ ސިޓީގެ ސަންގްރިއްލާވެސް އޮތީ ބަންދުކޮށްފައެވެ.

ކެނެރީފް ރިސޯޓް ފުރަތަމަ ހުޅުވަން ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދި ހުޅުވުން އަނެއްކާވެސް ލަސްވެގެން ދިޔައީއެވެ.

ކެނަރީފް ރިސޯޓްގެ މެނޭޖްމަންޓުން ބުނީ އަންނަ ހޮނިހިރު ދުވަހު ރިސޯޓް ހުޅުވާއިރު، ފުރަތަމަ އޮޕަރޭޓްކުރާނީ ރިސޯޓްގެ 271 ކޮޓަރީގެ ތެރެއިން 142 ކޮޓަރިކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މުޅި ރިސޯޓް އޮޕަރޭޝަނަށް ގެނެވޭކަމަށް އެ ރިސޯޓުން ބުނެއެވެ.



ކެނަރީފް ރިސޯޓް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށްފަހު އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ރިސޯޓުގެ މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. އަދި ޕްލޭންކޮށްފައިވާ ގޮތަށް އަންނަ ހޮނިހިރުދުވަހު ރިސޯޓް ހުޅުވޭނެކަަމަށް އޭނާ ވިދާޅުވިއެވެ.



ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ވަނީ ކެނަރީފް ރިސޯޓް އަލުން ހުޅުވޭތީ އެކަމާއި ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އަދި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި ފަރާތްތަކުން ދެއްވާ އެއްބާރުލުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިނުވާކަމަށް އައްޑޫ ސިޓީގެ ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު