ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކަކީ "ޑްރާމާ" އެއް ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހް މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެެ. އަލީ ސޯލިހް ވިދާޅުވީ މުޒާހަރާ ކުރުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުޅެނީ ޑްރާމާއެއް ކަމަށެވެ.

އެކަން ކުރަނީ ސިޔާސީ ގޮތުން ހަރުދަނާ ކަމެއް ނެތުމުންނާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ރަނގަޅު އަމާޒެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާއާއި ދެކޮޅަށް އަޑު އުފުލުމަށްވުރެ ރާއްޖޭގައި ހިންގޭނެ ތަރައްގީގެ މަޝްރޫއު ތަކާއި ގުޅޭ ވާހަކަ ދެއްކުން މާ ރަނގަޅު ކަމަށް އަލީ ސޯލިހް ވިދާޅުވިއެެވެ.

"މުޒާހަރާ ކުރުމުގެ ނަމުގައި ގޮސް މި ބުނަނީ ތިމަންނަމެން މިއައީ ހައްޔަރުވާށޭ ހަައްޔަރަށް ގެންދާށޭ، މާލޭގެ ޑެޕިއުޓީ މޭޔަރު ގޮވާތީ އަޑުއިވޭ. ފުުލުހުންގެ ކުރިމައްޗަށް ގޮސް ދެއަތް ދިއްކޮށްފައި މިބުނަނީ ހައްޔަރުކުރާށޭ ހައްޔަރުވާށޭ މިއައީ. މިއުޅެނީ "ޑްރާމާ" އެއް ކުޅެން." އަލީ ސޯލިހް ވިދާޅުވިއެެވެ.

މީގެ އިތުރުން އަލީ ސޯލިހް ވިދާޅުވީ މި ސަރުކާރުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނެތް ކަމަށާއި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ބުނެ ޕީޕީއެމުން ވާހަކަ ދައްކަމުން ގެންދާއިރު އެޕާޓީގެ ވެރިކަމުގައި ކަންތައްކުރި ގޮތް މިހާރު ހަނދާނުގައި ނެތް ކަމަށެވެ.

އެގޮތުން ޖުމުހޫރީ ޕާޓީގެ އޮފީސްތެރެއަށް ފުލުހުން ވަދެ އެތާތިބި މީހުންގެ ގަޔަށް، ލޮލަށް ބޮލަށް އަރައި، ޕެޕަސްޕްރޭ ޖެހި ހަނދާން ނެތްތޯ އަލީ ސޯލިހް ވަނީ ސުވާލު ކުރައްވާފައެވެ.

އަލީ ސޯލިހް ވިދާޅުވީ ރައީސް ސޯލިހަކީ އެފަދަ ކަންކަމަށް ހިތްވަރުދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. މި ސަރުކާރަކީ މުޒާހަރާއަށް ތާއިދުކުރާ މުޒާހަރާ ކުރުމަށް ފުރުސަތު ދޭނެ ސަރުކާރެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

"މިހާރު އެ ގެންދާ އުސޫލަށް އެކަންކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސަރުކާރުން ނިއްމީމަ އެއަށް ބަލައިގެން އެކަން ކުރީމަ ނިމުނީ، އެކަމަކު މިހާރު ކުރިއަށް ގެންދާ ގޮތަށް މުޒާހަރާ ކުރުމުގެ ފުރުސަތު ނުދިނީމާ އެ ހިސާބުން ސަރުކާރު ވެސް ގޯސްވީ،" އަލީ ސޯލިހް ވިދާޅުވިއެެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ސިޔާސީ ޕާޓީއަކުން އިސްވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މާލޭގައި ބާއްވަމުން އަންނަ ހަރަކާތްތަކުގައި ފުލުހުންނަށް ހަމަލާދީ ދައުލަތުގެ މުދަލަށް ގެއްލުން ދެމުން ގެންދާ ކަމަށާއި، އެ އެއްވުންތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ދަތިކޮށް މާލޭގެ މަގުމަތިން ބަސް ހުއްޓުވައި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ބައެއް ފަރާތްތަކުން ހިތްވަރުދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަތަށް ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ޤާދިރު

10-Jan-2022

ތި ކަހަލަ އަނގަ ފިނދުންނަށް ޑްރާމާ އާއި މުޒާހަރާ ފާހަގަ ނުވުމަކީ ވެދާނެ ކަމެއް


-8

ޤާދިރު

10-Jan-2022

ތި ކަހަލަ އަނގަ ފިނދުންނަށް ޑްރާމާ އާއި މުޒާހަރާ ފާހަގަ ނުވުމަކީ ވެދާނެ ކަމެއް


-3

އަނެއް ސްލޯލިހް

10-Jan-2022

ބޮޑު މަގާމު ލިބުމުގެ ކުރިން ކުޅުނު "ޑްރާމާތައް" ހަނދާން ނެތުނެއް ހާދަ އަވަހޭ!!!