މި ސަރުކާރަކީ އުނގު ވިޔަފާރިވެސް ކުރަން ނޭނގޭ ބައެއްކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް އަދި ޕީީޕީއެމްގެ އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައި މިވަނީ ސަރުކާރު މުވައްޒަފުންގެ ނާދީ ހިންގި ބިމާއި ކުރީގެ އޯޑިއޯން ސިނަމާ ހިންގި ބިމާއި ޅ. އަތޮޅުން ރަށެއް އިންޑިއާގެ ޓާޓާ ކުންފުންޏަށް ދޭން ސަރުކާރުން ނިންމުމުންނެވެ. މިއީ އެކުންފުންޏާއެކު ކުރިން ހެދި އެއްބަސްވުމެއް ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި ދޭން ނިންމި ނިންމުމެކެވެ.

ޑރ. ޖަމީލު ވިދާޅުވީ ޓާޓާއިން ވަނީ ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވެފައިކަމަށެވެ. އަދި މިބަދަލަކީ ވެސް ރައީސް ނަޝީދުގެ ދޯހަޅި ސިޔާސަތުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުމެއްކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަނީ އަބަދު ކަލްކިއުލޭޓަރ ހިފައިގެން ވިއްކާލެވޭނީ ކޮންއެއްޗެއްތޯ ބަލަންކަމަށެވެ، އަދި މިއީ އުނގު ވިޔަފާރިކުރަންވެސް ނޭނގޭ ސަރުކާރެއްކަމަށް ޖަމީލު ވިދާޅުވިއެވެ.

"ޓާޓާ އިން ވަނީ ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވެފައި. މިބަދަލަކީ ވެސް ރައީސް ނަޝީދުގެ ދޯހަޅި ސިޔާސަތުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުމެއް. އަބަދު ކަލްކިއުލޭޓަރ ހިފައިގެން ވިއްކާލެވޭނީ ކޮންއެއްޗެއްތޯ ބަލަން ވެރިކަންކުރާ ޕާޓީއެއް. އުނގު ވިޔަފާރިކުރަން ވެސް ނޭނގޭ ބައެއް." ޖަމީލު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މި ބިންތަކާއި ޅ. އަތޮޅު ޅޮއްސަލަފުށި ޓާޓާ ކުންފުންޏަށް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގ ފްލެޓު އަޅަން ޝަރުތުކޮށްފައެވެ. އެފްލެޓްތައް އެޅުމުގައިވެސް ތަފާތު މައްސަލަތައް މެދުވެރިވެ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމަށް ވެސް ވަނީ ބަދަލުތައް ގެނަސްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނާދީ އާއި އޯޑިއޯން ބިން އަތުލީ އެ ބިންތަކުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތުގައި ޓާޓާ ކުންފުނިން މަސައްކަތް ނުފެށުމުންނެވެ. ޓާޓާއިން އޭރު ނިންމާފައި އޮތީ އެ ދެ ބިމުގައި ލަގްޒަރީ ފްލެޓްތަކެއް އެޅުމަށެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރުކާރުން ވަނީ ނާދީ ބިމާއި އޯޑިއޯން ބިން އަދި ޅ. އަތޮޅު ޅޮއްސަލަފުށި ވެސް އަލުން ޓާޓާ ކުންފުންޏަށް ދޭން ނިންމާފައެވެ. އަދި މިކަމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓާޓާ ކުންފުންޏަށް ދީފައިވާ ބިންތައް އަތުލި މައްސަލައިގައި އެކުންފުނިން ވަނީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަނަށް މައްސަލަވެސް ހުށަހަޅާފައެވެ. އެކުންފުނިން ވަނީ އެއްބަސްވުން ބާތިލްކުރުމުގެ ބަދަލެއްގެ ގޮތުގައި ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައެވެ.

ޓާޓާއާއެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުނިން ބުނެފައި ވަނީ ފްލެޓް އަޅަން އެ ކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުމަށް އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ބާތިލްކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު