ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މެނޭޖީރިއަލް ޓްރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

ސްޓެލްކޯއިން ބުނީ މި ޓްރެއިނިންގ ހިންގާފައިވަނީ މައިގަނޑު ތިން ބަޔަކަށް ފޯކަސް ކޮށްގެންކަމަށެވެ. އެއީ ލީޑަރޝިޕް ސްކިލްސްއާއި، ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސްއެވެ.



ސްޓެލްކޯއިން ބުނީ މިއީ ކުންފުނީގެ ތާރީހުގައިވެސް ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށްޓައި، ކުރިޔަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާއި ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިންގކަމަށެވެ. މީގެކުރިން މިފަދަ ތަމްރީނުތައް ދެވިފައިވަނީ ސީނިއާ މެނޭޖްމަންޓަށް އެކަންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މެޏޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެވެސް ފެށުން ކަމަށާއި، ކުރިއަށްއޮތްތަނުގައި މިފަދަ އެހެން ޕްރޮގްރާމްތައްވެސް ކުރިޔަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ޓްރެއިނިންގ އާއެކު، ކުންފުނި ކުރިޔަށްދާ ސްޕީޑާއި އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ ކަމަށާއި، މީގެއިތުރުން މާހައުލާއި، މުޖުތަމައުއަށް އަންނަ ބަދަލާއެކު، އާންމުންގެ އުމްމީދުތަކާއި އެއްވަރަށް ހިދުމަތްދެވޭނެ ވަރުގަދަ ލީޑާރޝިޕެއް ތައްޔާރުކުރެވިގެންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ މިފަދަ ޓްރެއިނިންގތަކާއެކު، ކުންފުނީގައި ކުރީގައި ހުރި ސަގާފަތްތައް ބަދަލުވެގެން އަންނައިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަހުލާގު ރަނގަޅު ބަޔަކަށް ހެދިގެންދާނެ ކަމަށާއި، ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް މޮޓިވޭޓް ކުރުމުގެ ހުނަރުތައްވެސް ދަސްވެގެންދާނެ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކާއި، ޓައިމްލައިންތަކަށް މަސައްކަތްތައް ނިންމުމުގެ މުހިއްމުކަމާއި، އެކަންކަމާއި ގުޅުންހުރި ހުނަރުތައްވެސް ދަސްކޮށްދެވިފައިވާނެކަން މުޣުނީ ފާހަގަކުރެއްވިއެވެ.



"މިއީ މިކުންފުނީގެ ލީޑަރޝިޕް ސަކްސެޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަންތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގ ތަކެއްދެވި، ކުންފުނީގެ ވިޝަނާއި، މިޝަނާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް" މުޢްނީ ވިދާޅުވިއެވެ.

ތިން ބެޗަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ޓްރެއިނިންގައި ވަނީ މިޑްލް މެނޭޖްމަންޓްގެ 45 މުވައްޒަފަކަށް ތަމްރީނުދެވިފައެވެ. އަދި މި ޓްރެއިނިންގ އަކީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު، ކުރިޔަށްގެންދިޔަ ޓްރެއިނިންގއެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު