ޗުއްޓީއަށް އެހެން ރަށްރަށުގައި ތިބި ޓީޗަރުންނާއި ދަރިވަރުން ވީހާވެސް އަވަހަކަށް، އެ ދަރިވަރަކު ކިޔަވާ ސްކޫލް ހުންނަ ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. އެހެންކަމުން ދެ ވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު ހުރިހާ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭވަރު 5 ޕަސެންޓް މައްޗަށް ގޮސްފައިވާތީ އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރާއިރު 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓް ހިފައިގެން ދަތުރުކުރަން އަންގައި އެކަން އިއުލާންކޮށްފައެެވެ. ސްކޫލްގެ ބަންދު ދުވަސްވަރަށް ވުމުން ގިނަ ބަޔަކު އެކި ބޭނުންތަކުގައި މާލެއަށް އައިސްފައިވާއިރު ޗުއްޓީ ނިއްމާލުމަށްފަހު އަނބުރާ ރަށަށް ދިއުމަށް ގިނަ ބަޔަަކު ވަނީ ޓިކެޓް ވެސް ނަގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅޭ ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބުނަށް ކުރިއަށް އޮތް ދެ ދުވަހު މާލެއިން ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. ޕީސީއާރް ޓެސްޓް ހެދުމަށް ސާމްޕަލް ނެގުމަށްފަހު ރަށްރަަށަށް ގޮސް ނަތީޖާ ލިބެންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ނުވަތަ ރަށަށް ދަތުރުކޮށް ރަށުން ސާމްޕަލް ނަގާ ޓެސްޓުކުރުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު