އަންނަ މަހު ފަހެއްގައި ބާއްވާ ބައި އިލެކްޝަންތަކުގެ ކެމްޕެއިންތަކުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ނުކުރުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ކެމްޕެއިން ހަރަކާތްތައް ހިންގުމުގައި އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރާފާނެ ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ނުރަސްމީކޮށް އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.

ކެމްޕެއިން ހަރަކާތްތައް ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއްވެސް ކެންޑިޑޭޓެއް ތަމްސީލުކުރާ މީހަކަށް އަނެއް ކެންޑިޑޭޓުގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއްކަން މި ބަޔާނުގައިވެއެވެެ. އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން އިލެކްޝަން ކޮމިޝަނަށް އެކަން އަންގަން އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީގެ ކެންޑިޑޭޓުން ވާދަކުރެއެެވެ. އެއީ އެމްޑީޕީގެ ފަރާތުން، ކޮމަންޑޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ހަރަކާތްތަކުގައި އިސް ސަފުން ފެންނަ ކޮމަންޑުއަށް އުފަން މޫސާ ފަތުހީ އަދި އެމްއެންޕީގެ ފަރާތުން ހަމަ ކޮމަންޑޫގެ ބޭފުޅެއް ކަމަށްވާ އަބްދުލް ހަންނާން އިދުރީސެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަންގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު އިންތިޚާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާ ދުވަހު ބައެއް ރަށްރަށުގެ ހުސްވެފައިވާ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު