ފުލުހުންނާއި ސިފައިން "ގުޅިގެން" ނަމުގައި ރޭ ފެށި އޮޕަރޭޝަނަކީ ގޭންގުތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސަލާމަތީ ބާރުތަށް ގުޅިގެން ރޭ ފެށި އޮޕަރޭޝަނާއި ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ އެ އޮޕަރޭޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި ޓާސްކުފޯހުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

"ހާއްސަކޮށް މާލެ ސަރަހައްދުން އަދި މުޅި ރާއްޖޭން ގޭންގު ކުށްތަކުގެ މައްސަލަ ބޮޑުވާތީ އެކަމާ ގުޅިގެން ހިންގޭ އޮޕަރޭޝަނެއް،" އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ސީޕީ ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮޕަރޭޝަންގެ ބޭނުމަކީ ރާއްޖެއަކީ އަމާން ތަނަކަށް ހެދުންކަމަށެެވެ. އަދި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަގޮތަށް ގޭންގުތަކަށް ނިސްބަތްވާ މީހުން ތިބޭ ސަރަހައްދު ތަކާއި އަދި މާލެ ތެރޭގައި ސައިކަލު ތަކަށް އަރައިގެން ދުއްވާ ދުއްވުމާއި އެ އުޅޭ އުޅުން ގާނޫނުގެ ތެރެއިން ހުއްޓުވަން މަސައްކަތް ކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެެ.

ސީޕީ ވިދާޅުވީ މި އޮޕަރޭޝަނުގައި ގޭންގު ހަދައިގެން މާލެ ތެރޭގައި ހަރަކާތްތެރިވާ ވަގުތު ތަކުގައި ސަލާމަތީ ބާރުތަކުން މަގު މައްޗަަށް ނިކުންނާނެ ކަމަށެވެ. ހާއްސަކޮށް ދަންވަރު ގަޑީގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

ދިވެހި ސިފައިންނާއި ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ. ރޭ މާލޭގެ ބައެއް ސަރަހައްދު ތަކުގައި ސިފައިން ވަނީ ހަތިޔާރާއެކު ހަރަކާތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު