މާލޭގައި އިވެންޓް ތަކާއި ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނީ އެޗްޕީއޭއިން ނޫން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު, އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުގައި އިވެންޓް ތަކާއި ނައިޓް މާކެޓް ބާއްވަން ހުއްދަދީފައިވަނީ އެޗްޕީއޭއިން ނޫން ކަމަށާއި، އެ ހުއްދަ ދީފައިވަނީ މާލޭ ސިޓީކައުންސިލުން ކަމަށެވެ.

އެޗްޕީއޭއިން އިމަޖެންސީ ނުވަތަ ކުއްލި ހާލަތުގައި މަނާކުރާ ވަކިކަންތައްތަކެއް އާންމުކޮށްފައިވާނެ ކަމަށާއި، އެޗްޕީއޭގެ ދައުރަކީ މަނާކުރާ ކަންތައްތަކާއި ޚިލާފުވާނަމަ ފިޔަވަޅު އެޅުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ ސުކޫލު ބަންދު ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު އެއްތަނަކަށް އެއްވާ ކަންތައްތައް މަދުކުރުމަށާއި އިވެންޓްތަކާއި ހަފުލާތައް ބާއްވާނަމަ އެޗްޕީއޭގެ ގައިޑްލައިނާއި އެެއްގޮތަށް ފިޔަވަޅު އަޅައިގެން ބޭއްވުމަށް އަންގައި އާންމުކޮށް އިއުލާން ކޮށްފައިވާނެ ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލުން އިވެންޓްތައް ބާއްވަން ހުއްދަ ދޭއިރު އެ ހަރަކާތް ރާވާ އިންތިޒާމްކުރާ ފަރާތުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރޭތޯ ބެލުމަކީ ސިޓީކައުންސިލްގެ ޒިންމާ އެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެެވެ.

"ބަންދުވީމަ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި އެއްވުމާއި ކަންތައްތައް ގިނަވާނެތީވެ މިކަންކަމަށް ސަމާލުކަން ދިނުމަށް އެދި އިއުލާން ނެރެފައި މިއޮތީ، އެހެން ނަމަވެސް ކޭސްތައް އިތުރުވުމުގެ ކުރިން ފިޔަވަޅުތައް ސީދާ މަނާނުކުރި ކަމުގައި ވިޔަސް ސަމާލުވުމަށާއި އެކަންކަން ކުރިއަށް ގެންދާނަމަ ގެންދާނީ ކޮންގޮތަކަށްކަން ރަނގަޅަށް ބުނެދެވިފައި މިއޮތީ. އަޅުގަނޑަށް ހީވަނީ މިހާ ދުވަސް ވާއިރު ހުރިހާ ބޭފުޅުންވެސް މި ގައިޑްލައިންތައް ފެމެލިއަރ ވާނެ ކަމަށް ގައިޑްލައިންގައިވާ ކަންކަމަށް." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލެއިން ކޮވިޑްގެ އާ ވޭރިއަންޓް ފެނުނު ފަހުން އާއަަހަރު ފެށުން ފާހަގަކުރުމަށް 11000 މީހުން އެއްވެ ހުޅުމާލޭގައި ވަނީ ބަޑިބޭހުގެ ކުޅިވަރުތަކާއި ހަވާއެރުވުމުގެ ހަރަކާތްތަކާއި ޝްޓޭޖް ޝޯ އެއް ކުރިއަށް ގެންގޮސްފައެވެ. މާލޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ނައިޓް މާކެޓް ބާއްވަންދިން ހުއްދަ އެޗްޕީއޭއިން ވަނީ ބާތިލްކޮށްފައެެވެ.

މާލޭ ސިޓީކައުންސިލުން ނައިޓް މާކެޓް ބާއްވަން ހުއްދަ ދީފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބުމުން ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ. އެހެންވީމާ ޑރ. ނަޒުލާ މިކަމުގައި ދައްކަވާ ވާހަކާއާއި ސިޓީ ކައުންސިލްގެ ބަސް ދިމާނުވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު


6

ޙަސަނާބެ

11-Jan-2022

ދޮގުހަދާނީ މުއީޒުހެން ހީވަނީ. މާޒީއަށްބަލާއިރު އޭނައަކީ ގިނަދޮގުތަކެއްހަދާ ތާކުންތާކުނުޖެހޭ ބައިވަރުވާހަކަ ދައްކާ, އަދި މީހާރުވެސް ދައުލަތަށް ގެއްލުންވާގޮތަށް ބޮޑެތިދޮގުތަކެއްހެދި ކަމުގެ ތުހުމަުގަ ޝަރީއަތް ކުރެވެމުންދާ މީހެއް.