އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ސަރުކާރުގެ އިސްބޭފުޅުން ހިމެނޭ ޓީމެއް ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކޮމަންޑޫއަށް ފުރާވަޑައިގަންނަވަމުން ޝާހިދު ވިދާޅުވީ މި ދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގެ 3 ރަށްކަމަށްވާ މަރޮށި، ފޯކައިދޫ އަދި ކޮމަންޑޫއަށް ވަޑައިގަންނަވާނެކަމަށެވެ.

ޝާހިދުގެ އަރިހުގައި މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.



އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެމެރިކާގައި އުޅުއްވާ ޝާހިދު ރާއްޖެ ވަޑައިގަތީ ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ދިމާކޮށެވެ. އަދި ޗައިނާގެ ހާރިޖީ ވަޒީރުގެ ދަތުރުފުޅަށްފަހުވެސް ޝާހިދު ގެންދަވަނީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތައްވެސް އަދާކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު