އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ސަރުކާރުން ސެޓްލްމަންޓް އެގްރިމަންޓަކަށް ދިޔައީ ކުރީގެ ސަރުކާރުން އެގްރިމަންޓް ބާތިލްކުރުމުން ދޭންޖެހޭ ބަދަލު ބޮޑުވާނެތީކަމަށް ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، ޓާޓާ ކުންފުނީގެ އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލުކުރުމުން ބަދަލެއްގެ ގޮތުގައި މި ސަރުކާރުން މާލޭގެ ދެ ބިމަކާއި ޅ. އަތޮޅުން ރަށެއް ދިނުމަށް ނިންމުމާއި ގުޅިގެން އެކަމަށް ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އަކްރަމް ވިދާޅުވީ ޓާޓާ ކުންފުންޏަށް މި ސަރުކާރުން އެއްވެސް ބަދަލެއް ދީފައި ނުވާކަމަށެވެ. އަދި މި ސަރުކާރުން ކުރާ ކަމަކީ ކުރީގެ ސަރުކާރުން "ހާވަފައި އޮތް ހަޑިއެއް" ސާފުކުރުންކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ކުރީ ސަރުކާރުން އެގްރިމަންޓް ބާތިލްކުރީ ޓާޓާއިން 350 ހައުސިންގ ޔުނިޓް އިމާރާތްކޮށް، ސަރުކާރާއި ހަވާލުކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޓާޓާއިން އާބިޓްރޭޝަންގައި 200 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ހޯދުމަށް ދައުވާކުރިކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނިންމީ ޓާޓާއިން ބަދަލުގެ ގޮތުގައި ދޭން އެދުނު 200 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކަންޖެހިދާނެތީ، އަސްލު އެގްރިމަންޓަށް ވާސިލުވުމަށްކަމަަށެވެ.

ސަރުކާރު މުވައްޒަފުންގެ ނާދީ ހިންގި ބިމާއި ކުރީގެ އޯޑިއޯން ސިނަމާ ހިންގި ބިމާއި، ޅ. އަތޮޅުން ފަޅު ރަށެއް އިންޑިއާގެ ޓާޓާ ކުންފުންޏަށް ދޭން ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ. މިގޮތަށް ނިންމިއިރު އެކުންފުނިން ހެދި ދެ ފްލެޓް އިމާރާތުގެ ތިރީ ދެބުރިއަކީ ވެސް އެކުންފުންޏަށް ނަފާ ލިބޭގޮތަށް އެކުންފުންޏަށް ދީފައިވާ ދެބުރިއެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މާލެއިން ދެބިމާ ފަޅުރަށެއް ދިން ނަމަވެސް، އެ ބިންތަކުގައި އިމާރާތް ކުރުމުގެ މަސައްކަތް ނުކުރާތީ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މި ބިންތައް އަތުލާފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މި ބިންތަކާއި ޅ. އަތޮޅު ޅޮއްސަލަފުށި ޓާޓާ ކުންފުންޏަށް ދީފައިވަނީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގ ފްލެޓު އަޅަން ޝަރުތުކޮށްފައެވެ. އެފްލެޓްތައް އެޅުމުގައިވެސް ތަފާތު މައްސަލަތައް މެދުވެރިވެ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމަށް ވެސް ވަނީ ބަދަލުތައް ގެނަސްފައެވެ.

ރައީސް ޔާމީން ވެރިކަމުގައި ނާދީ އާއި އޯޑިއޯން ބިން އަތުލީ އެ ބިންތަކުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތުގައި ޓާޓާ ކުންފުނިން މަސައްކަތް ނުފެށުމުންނެވެ. ޓާޓާއިން އޭރު ނިންމާފައި އޮތީ އެ ދެ ބިމުގައި ލަގްޒަރީ ފްލެޓްތަކެއް އެޅުމަށެވެ.

ސަރުކާރުން ނާދީ ބިމާއި އޯޑިއޯން ބިން އަދި ޅ. އަތޮޅު ޅޮއްސަލަފުށިވެސް އަލުން ޓާޓާ ކުންފުންޏަށް ދޭން ނިންމާފައިވާއިރު މިކަމާއި ގުޅޭ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓާޓާއާއެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުނިން ބުނެފައި ވަނީ ފްލެޓް އަޅަން އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުމަށް އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ބާތިލްކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނާދީއާއި އޯޑިއޯން ބިމުގެ ބަދަލުގައި ރައީސް ޔާމިން ސަރުކާރުން އެންމެ ފަހުން ނިންމީ ހުޅުމާލެއިން އެކުންފުންޏަށް ބިން ދޭށެވެ. ނަމަވެސް އެސަރުކާރު ނިމިގެން ދިޔައީ އެމައްސަލައިގައި މުޅިން އެއްބަސް ވުމަކަށް ނުދެވެނީހެވެ.



ކިޔުންތެރިންގެ ހިޔާލު