ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކައިގެން ދެ ރަށް ގުޅާލުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކޮމަންޑޫ އާއި އެރަށުގެ ފަޅުތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމަސައްކަތް އެމްޓީސީސީއާއި ހަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިރެކްޓާ ޖެނަރަލް އަންވަރު އަލީ އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 249.9 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1،690 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަތިކޮމަންޑޫގެ 16.7 ހެކްޓަރު ބިން ހިއްކުމާއި 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮށި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުން މި މަޝްރޫއުގައި ހިމެނެއެެވެ. މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ސަރުކާރުން އިޢުލާން ކުރިއިރު މި މަޝްރޫއަކީ މިއަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައިވާ މަޝްރޫއެއް ނޫނެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ މިމަޝްރޫއުގެ މަސައްކަތް ރައީސް ސޯލިހް އިއުލާން ކުރެއްވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު