ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މުސްތަގުބަލު އައު މިސްރާބަކަށް ހިނގައްޖެ ކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން، ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެއްޖެކަމަށެވެެ. އަދި ދެ ގައުމުގެ ދެމެދުގައި ކަންކަމުގައި އެއްބާރުލުން ދިނުމަށް އިތުރު ހިތްވަރަކަށް އެ ދަތުރުފުޅު ވެގެން ގޮސްފައިވާކަން ޗައިނާ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަން ލީޝިން ނެރުއްވި ބަޔާނުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކާ ބެހޭގޮތުންވެސް ވަނީ ވާހަކަފުޅު ދައްކަަވާފައެވެ. އަދި ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ވެދީފައިވާ އެހީތެރިކަންވެސް ލީޝިންގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ ޗައިނާ-ރާއްޖެ ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލުކުރުން އަވަހަށް ފެށުމުން ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިގުތިސާދަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށެވެ. މީގެއިތުރުން 'ވަން ޗައިނާ ޕޮލިސީ' ދެމެހެއްޓުމަށް ރާއްޖެއިން އެއްބާރުލުންދޭ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ވާންގް ޔީގެ މި ދަތުރުފުޅުގެ ޗައިނާއިން ރާއްޖެއަށް 62.8 މިލިއަން ޑޮލަރު (960 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ވަނީ ނިންމައިފައެެވެ.

ޚާރިޖީ ވަޒީރުގެ ދަތުރުފުޅަށްފަހު ޗައިނާއަށް ވިސާ ނެތި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ އިސް ބޭފުޅަކު މިފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު