ވ. އަތޮޅު އާރަށް ވިއްކައިގެން ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ލައިވްކޮށް ކުރިއަށްގެންދިއުމަށް އެމަނިކުފާނުގެ ފަރާތުން ކޯޓުގައި އެދިވަޑައިގެންފިއެވެ.

ރައީސް ޔާމިންގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ ކްރިމިނަލް ކޯޓުގައި މިއަދު އޮތް އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.

މިމައްސަލައިގައި ރައިސް ޔާމީނާއި ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރެއެވެ. އަދި މި ދައުވާތައް ކޯޓުގައި ކުރިއަށްގެންދަނީ އެކުއެކީގައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށްގެންދިއުމަށް އެދިވަޑައިގަތްނަމަވެސް، މައްސަލައާއި ގުޅިގެން ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭ ލިޔުންތަކެއް ނުލިބޭތީއާއި ދައުލަތުން ހުށަހެޅި ސީޑީތަކެއް ރީޑްނުކޮށްގެން އެކަން ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ.

މިކަންކަމަށް ރިޔާއަތްކުރުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުމުގެ ހުރިހާ ކަމެއް ނިންމައިލުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ އަޑުއެހުމުގައި ދައުވާ އިއްވައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އަންނަމަހުގެ 10 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށްވެސް ތާވަލުކުރިއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ މައްސަލައިގެ ޝަރީއަތް ލައިވްކޮށްގެން ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް މިމައްސަލައިގައި ހިމެނޭ ޔޫސުފް ނައީމްވަނީ އޭނާގެ ބައި ލައިވްނުކުރުމަށް އެދިފައެވެ. ނަމަވެސް ދައުލަތުން ބުނީ ޔޫސުފް ނައީމްގެ ބައި ވަކިން ކުރިއަށްނުގެންދެވޭނެކަމަށެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އެކަމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނޭކަމަށް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން ވޮޑަމުލާ މައްސަަލައިގައި 2019 ވަނަ އަހަރު ސާބިތުވި މަނީ ލޯންޑްރިންގެ ދައުވާ ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރު ބާތިލްކޮށްފައެވެ. ނަމަވެސް ފުށްގިރި ނަމަކަށް ކިޔާ ރަށެއް ވިއްކާލި މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއްވެސް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ ދައުވާގެ ޝަރީއަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު