މި ސަރުކާރަކީ ހުދު މުޚުތާރުކޮށް ވެރިކަން ކުރާނެ ސަރުކާރެއް ނޫން ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫއާއި އެރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމަށް އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިިލް ވިދާޅުވީ ރާއްޖޭގައި ހުދު މުހުތާރުކޮށް ބަޔަކު ވެރިކަން ކޮށްފި ކަމަށާއި، އެހެން ނަަމަވެސް މި ސަރުކާރަކީ ހުދު މުހުތާރުކޮށް ކަން ކަން ކުރާނެ ސަރުކާރެއް ނޫން ކަމަށެވެ. ކުރީގެ ސަރުކާރުން ބޭނުން ކޮންމެ ކަމެއް ބޭނުންގޮތަަކަށް ކޮށްލެވެން އޮތްއިރު ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިނުވާ ކަމަށް ފަައްޔާޒު ވިދާޅުވިއެވެެ.

" ގާނޫނު ބޭނުންގޮތަކަށް ބަދަލުކޮށްލާ، ހުރިހާ މުވަައްސަސާއެއް އޮތީ ސަރުކާރުން ބުނިގޮތަކަށް އަމަލުކުރަން. އޭރުގައި އޮތް އާރާއި ބާރާއި އޮއްވާ ވެސް މިކަންކަން ކޮށްފައެއް ނެތް. އަޅުގަނޑުމެން މިއަދު މި ކަންކަން ކުރަނީ އަޅުގަނޑުމެންގެ މައްޗަށް ފާރަވެރިވާނެ އެތަށް އެތަށް މުވައްސަސާ އެއް އޮވެމެ ރާއްޖޭގެ މީޑިޔާއަށް ކޮންމެ ފަދަ ވާހަކަ އެއް ދެއްކުމުގެ ފުރުސަތު ދީގެން ތިބެ." ކުރީގެ ރައީސް ޔާމިންގެ ސަރުކާރަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވިއެވެެ.

މީގެ އިތުރުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ މީޑިޔާތަަކަށްވެސް ކޮންމެ ފަދަ ވާހަކައެއް ދެއްކުމުގެ ފުރުސަތު މިސަރުކާރުން ދީފައިވާ ކަމަށެވެ. މީޑިޔާގެ މިނިވަންކަމުގެ ތެރެއިން ބައެއް މީޑިޔާތަކުން ކަނޑައެޅިގެން ދޮގު މައުލޫމާތުތައް ފަތުރަމުންދާކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. ޢެހެން ނަމަވެސް މި ސަރުކާރުން މީޑިޔާގެ ފަރާތްތައް ހިފާ ހައްޔަރުކޮށް ބަންދު ނުކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެކަންކަން ކުރެވޭނެ، އެހުރިހާ ފާރަވެރިކަމާއި އެއްކޮށްވެސް އެއީ ދިވެހި ރައްޔިތުން ބޭނުންވާ ދުވަހަކީ މީހުން ގެންގޮސް ހައްޔަރުކޮށްގެން ކަންކަން ކުރުމެއް ނޫން." ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު