އަންނަމަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އެ ދާއިރާއަށް ފުރާވަޑައިގެންފިއެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ، މަރޮށި އަދި ކޮމަންޑޫއަށް ވަޑައިގަންނަވާނެއެވެ. އަދި މިދަތުރުފުޅުގެ ތެރެއިން މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު، ނާއިބު ރައީސް ކޮމަންޑޫ ދާއިރާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ބައެއް މިނިސްޓަރުންވެސް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނެއެވެ.

ނާއިބު ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސް ސާލިހު ވަނީ ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގެންފައެވެ. އަދި ބުދަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް އެ ދާއިރާއަށް ވަޑައިގެންނެވިއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ސަރުކާރުގެ ވެރިން އެ ދާއިރާއަށް ވަޑައިގަންނަވާއިރު، އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މިދިޔަ ދެ ދުވަހު އެ ދާއިރާގައި ކެމްޕެއިންގައި ހަރަކާތްތެރިވެ ވަޑައިގަންނަވާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަމަހުގެ 5 ވަނަ ދުވަހު އޮންނައިރު އެ އިންތިހާބުގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު