ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮވެގެން ރައްޔިތުންނަށް ލިބުނު އެއްޗެއް ނެތްކަމަށާއި، ނަމަވެސް މިއަދު ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮވެގެން ރައްޔިތުންނަށް ލިބެމުންދާ ކުރިއެރުންތައް ފެނިވަޑައިގަންނަވަމުންދާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫގައި ރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝީދުގެ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ނިމިދިޔަ މަޖިލީހުގައި އޮތީ އޭރު އޮތް ސަރުކާރުގެ މެޖޯރިޓީކަމަށެވެ. ނަމަވެސް މެޖޯރިޓީ އޮވެ، އޭރުގެ ސަރުކާރުން ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއްކުރިތޯ އެމަނިކުފާނު ސުވާލު އުފެއްދިއެވެ. ނަމަވެސް މިއަދު އެކަންކަން ބަދަލުވެއްޖެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު އެމް.ޑީ.ޕީގެ މެޖޯރިޓީ އޮތުމުން އެކަމުގެ ފައިދާ ވަރަށް ބޮޑަށް ރައްޔިތުންނަށް ލިބެމުންދާކަމަށެވެ. އެގޮތުން ގާނޫނަށް ގެނައި ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިކުރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ އިތުރުންވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންދާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"މިއީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ. ސަރުކާރަކުން ރައްޔިތުން އެދޭނެ ހުރިހާކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެގެންދަވަނީ ކޮށްދެއްވަމުން. މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ ހަލުވި ސްޕީޑެއްގައި ބާރަށް މަސައްކަތްތައް ކުރިއަށްގެންދަން." ފައިސަލް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު އެ އިންތިހާބު އޮންނާނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު