އަހުމަދު މަސްނޫމް   18 ޖެނުއަރީ 2022 - 1:59
ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ބުރިޖު ވިއު ޕްލެޓުފޯމާއި އެތަނުގައި ހުރި ނިއުޕޯޓް ވިއު ރެސްޓޯރެންޓު ހުސްކޮށް ސަރުކާރާއި ހަވާލުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގައިފިއެވެ.

ބުރިޖު ވިއު ޕްލެޓުފޯމާއި ނިއުޕޯޓް ވިއު ރެސްޓޯރެންޓު ތަރައްޤީކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިރު ރަމީޒްގެ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެނެވެ. ނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި އެކަމާއި ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުން ވަނީ 2019 ވަނަ އަހަރު ބާތިލުކޮށްފައެވެ.

ސަރުކާރުން އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެތަނުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޤަވާއިދުން ދައްކަމުން ނުދާކަމަށް ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ސްޓްރާޑާ ކުންފުންޏަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން 25 ދުވަހުގެ ތެރޭގައި އެ ބިން ހުސްކުރުމަށްފަހު މިނިސްޓްރީއާ ހަވާލުކުރުމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެތަން ހުސްނުކޮށްފިނަމަ މިނިސްޓްރީން އެތަން ހުސްކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ސްޓްރާޑާ ކުންފުނިން ކުލި ނުދެއްކުމުން ސިވިލް ކޯޓަށްވެސް މިމައްސަލަ ހުށަހެޅިއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމީ އެކުންފުންޏާއި ދެކޮޅަށެވެ. އަދި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުންވެސް މައްސަލަ ނިމުނީ ސްޓްރާޑާ ކުންފުންޏާއި ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު