ށ. ކޮމަންޑޫ ދާއިރާއިން ރިސޯޓް ހަދަން ރަށްތައް ހުޅުވާލީ އެދާއިރާގެ މަޖިލިސް ބައި އިލެކްޝަނާއި ދިމާކޮށް ކަމަށް އެމްއެންޕީގެ ނާއިބް ރައީސް އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ވަނީ ކުއްލިއަކަށް އެސަރަހައްދުގައި ގިނަ މަޝްރޫއުތަށް އިއުލާންކޮށްފައެެވެ. އެގޮތުން މިއަހަރުގައި ބަޖެޓްގައި ނުހިމެނޭ ބައެއް ކަންކަން ކޮމަންޑޫ ދާއިރާގައި ފަށާފައިވާއިރު ސަރުކާރުން މިހާރު ވަނީ ށ. އަތޮޅުގެ އިތުރު 3 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލާފައެވެ.

އެރަށްތައް ހުޅުވާލީ އިންތިޚާބާ ދިމާކޮށް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވަމުން މޯލްޑިވިސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ރަށްތަކެއް ރިސޯޓް ހަދަން ހުޅުވާލީ އިންތިޚާބާއި ދިމާކޮށް ކަމަށާއި، އެހެން ނަމަވެސް އިގްތިސާދީ ކަންކަމަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.



"ސަރުކާރަށް ކޮންމެ އިރެއްގައިވެސް ކޮންމެ ކަމެއް ވެސް ކުރެވޭނެ، މިހާރު އެކަންކަން ބަލާނެ ބަޔަކު ނެތް." އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް އޮތުމަށް އިޝާރަތް ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ ށ. އަތޮޅުގެ އިތުރު 3 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ހުޅުވާލީ މިދިޔަ އަހަރު އެއަތޮޅުގައި ހުޅުވޭނެކަމަށް ބެލި ރަށްތައް ނުހުޅުވޭތީ ކަމަށެވެ. ރަށްތައް ހުޅުވޭނެކަމަށް އިންތިޒާރުކޮށްގެން ތިބެވެންނެތް ކަމަށް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވިއެވެ.

ށ. އަތޮޅުގައި ތަރައްގީކުރުމަށް މިނިސްޓްރީން ހުޅުވާލާފައިވަނީ 300 އެނދުގެ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު