ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިވަގުތު 40 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއަހަރު ފެށުނުއިރު ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔައީ 15 މީހަކަށެވެ. އެހެންކަމުން މިވީ ވިއްސަކަށް ދުވަސްތެރޭގައި ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކޯވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވާން ފަށައިމިވަނީ ކޯވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" އާއިއެކު ކޯވިޑް ފެތުރޭ ނިސްބަތް ރާއްޖޭގައި ވަރަށް ބޮަޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ރާއްޖެއިން ކޯވިޑްގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށްވާ "ރެޑް އެލާޓް" ވެސް ވަނީ ނެރެފައެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ 1594 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 106،595 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 8،079 ގައެވެ. އަދި ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 266 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ހާލަތުގައި އައި ޕީކަށްވުރެ މިހާރުގެ ޕީކްގެ ރާޅު ބޮޑުވާނެ ކަމަށް އެޗްޕީއޭއިންވެސް ވަނީ ހާމަކޮށްފައެވެ.

ކޯވިޑްގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާތީ ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލައާއި 16 ވަނަ ފަންގިފިލާ އޮޕަރޭޝަނަށް ގެނެސްފައިވާއިރު އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތައް ތައްޔާރީ ހާލަތަށް ވަނީ ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު